ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި އެންމެ ގިނައިން ރާއްޖެ ގެނައީ އިންޑިއާ މީހުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސުވާލު ކުރުމަށް މިނިސްޓަރު ފައްޔާޒު ވަނީ ހާޒިރުކޮށްފަ އެވެ. ބިދޭސީންގެ އަދަދާއި ގުޅިގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވުމުން ފައްޔާޒު ވިދާޅުވީ މިދިޔަ ތިން އަހަރު އިންޑިއާއިން މަސައްކަތްތެރިން ގެންނަން ސަރުކާރުން ދޫކުރީ 23،000 ކޯޓާ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު 11،000، 2020 ވަނަ އަހަރު 5،000 އަދި މިހިނގާ 2021 ވަނަ އަހަރު 7،000 ކޯޓާ ދޫކުރިކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން މަސައްކަތްތެރިން ގެންނަނީ ބަންގްލަދޭޝްއިންނެވެ. އެހެންނަމަވެސ މިދިޔަ ތިން އަހަރު ބަންގްލަދޭޝްއިން މީހުން ގެންނަން ދިނީ 113 ކޯޓާ އެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެއްވެސް ގައުމަކުން 100،000 އަށްވުރެއް ގިނަ މަސައްކަތްތެރިން ނުގެންނާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނާއިއެކު އެގައުމުގެ މީހުންގެ އަދަދު 100،000 އަށްވުރެއް އިތުރުވެދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ރަސްމީ ރެކޯޑުތަކުން ދައްކަނީ ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދަކީ 63،750 ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާއާއިއެކު ވަނީ ނުހަނު ގާތް ގުޅުމެއް ގާއިމްކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކުގައި މަސައްކަތް ކުރުމަށް މުޅިންވެސް އިންޑިއާއިން މަސައްކަތްތެރިން ގެންނަން ވަނީ ފަށައިފަ އެވެ.
މިއަހަރުގެ ދިރާސީ އާ އަހަރު ފެށުނުއިރު ޓީޗަރުންވެސް އެންމެ ގިނައިން ގެނައީ އިންޑިއާއިންނެވެ. އެގޮތުން ގުރުއާނާއި އަރަބި ކިޔަވައިދޭންވެސް އިންޑިއާއިން ޓީޗަރުން ގެނަ އެވެ. އަނެއްކޮޅުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ބޭނުން ޖެހުމުން އެމީހުންވެސް ގެނައީ އިންޑިއާއިންނެވެ.