މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާކުރުމުގެ ސްކޮލަޝިޕްތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ބޭއްވި ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓު މާސްޓާ ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މެންޓަލް ހެލްތު ދާއިރާގެ ސްކޮލަޝިޕްތަކަށް ހުޅުވައިލާނެކަމަށް ވިދާޅުވެފަ އެވެ.
ހަޔާ އެޑިއުކޭޝަނުން ހުޅުވައިލީ 46 ސްކޮލަޝިޕަކަށެވެ. ކިޔެވުމުގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ ސަރުކާރުންނެވެ.
މިއާއެކު ސްކޮލަޝިޕް ލިބޭ ދަރިވަރުން ސަރުކާރާއިއެކު ބޮންޑެއް ހަދައި ދައުލަތުގެ މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ހިދުމަތް ކުރަން ޖެހެ އެވެ.
އެގޮތުން މާސްޓާޒް އިން އެޑިކްޝަން ސްޓަޑީޒް ނުވަތަ އެޑިކްޝަން މެނޭޖްމެންޓުގެ އަށް ސްކޮލަޝިޕް ހުޅުވައިލިއިރު އޭގެ ތެރެއިން ފަސް ފުރުސަތު އެލޮކޭޓް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އަދި މާސްޓާޒް އިން ލާނިން ޑިސްއެބިލިޓީޒްގެ އަށް ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީއަށް އެލޮކޭޓް ކޮށްފައިވާއިރު މާސްޓާޒް އިން ސައިކިއޭޓްރީގެ ދެ ފުރުސަތު ވަނީ އައިޖީއެމްއެޗަށް އެލޮކޭޓް ކޮށްފަ އެވެ.
މީގެ އިތުރުން މާސްޓާޒް އިން ނާސިންގް އާއި މާސްޓާޒް އިން ކައުންސެލިންގް އަދި ސައިކޮތެރަޕީގެ ފުރުސަތުތައް އެލޮކޭޓް ކޮށްފައިވަނީ ޖެންޑާ މިނިސްޓަރީ، ހެލްތު މިނިސްޓްރީގެ އިތުރުން އައިޖީއެމްއެޗަށެވެ.
މި ސްކޮލަޝިޕްތަކަށް އެދި ހުށަހަޅާ ފަރާތްތަކުން މާސްޓާޒް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ހަމަވާން ޖެހެ އެވެ. ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސްކޮލަޝިޕަށް ފުރުސަތު ދޭނީ ޕޮއިންޓު ދީގެން އެންމެ މަތިން ޕޮއިންޓު ލިބޭ ދަރިވަރުންނަށެވެ.
މި ސްކޮލަޝިޕްތަކާއި ބެހޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ. އެމިނިސްޓްރީގެ ނަމްބަރަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފު ކުރެވޭނެ އެވެ.