ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި އިއްޔެ ހަމަނުޖެހުން ހިނގައި އަލިފާނުގެ ހާދިސާ ހިނގިއިރު ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔަކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވޭތުވެދިޔަ 3 ދުވަހު ފިޔަވަތީގައި ބައެއް ކުޑަކުދިންގެ ފަރާތުން ފެންނަ ކަންތައްތަކާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޓީމެއް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ރޭ ހާދިސާ ހިނގި ވަގުތުވެސް މިނިސްޓްރީގެ މުވައްޒަފުން ތިބި ކަމަށާއި އެތަނުގެ މުވައްޒަފުންނާއި ކުޑަކުދިންނާއިއެކު މަސައްކަތް ކުރަމުން ދިޔަ ކަމަށް ބަޔާނުގައި ބުންޏެވެ.
ރޭ ހަމަނުޖެހުން ހިނގައި އަލިފާން ރޯވާން ދިމާވި ސަބަބު ހޯދައި އެކަމުގައި އާންމުންގެ ކަންބޮޑުވުންތައް ހުންނާނެ ކަމުގައި ގަބޫލު ކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިތުރަށް އެ ބަޔާނުގައި ބުނީ އާންމުން އެ ސަރަހައްދަށް އެއްވެ ފޮޓޮއާއި ވީޑިއޯ ނަގަން މަސައްކަތް ކުރުމުން ކުޑަކުދިން އިތުރަށް ޓްރިގާ ވާނެ ކަމަށެވެ. އެހެންކަމުން ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އާންމުންގެ ފަރާތުން އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
ފިޔަވަތީގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް ހަމަނުޖެހުން ހިންގާތާ 24 ގަޑިއިރު ފާއިތުވެ އެކަމަށް ކަމާބެހޭ ފަރާތްތަކުން އެޓެންޑު ނުކުރެވި ވަނިކޮށް ކުދިންތަކެއް އިއްޔެ ވަނީ އެތަނުގައި އަލިފާން ޖަހައިފަ އެވެ. އަލިފާންގަނޑުގެ ސަބަބުން މާބޮޑެތި ގެއްލުންތަކެއް ނުލިބުނު ނަމަވެސް ހަމަނުޖެހުން ވަނީ ވަރަށް ބޮޑުވެފަ އެވެ.
ފިޔަވަތީގައި ތިބި ކުޑަކުދިންނަށް އަނިޔާކުރާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެހެންނަމަވެސް ރޭ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ.
އިއްޔެ ހިނގި ހަމަނުޖެހުންތަކަށް އެޓެންޑުވާން ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު ފިޔަވައްޗަށް ވަޑައިގެންނެވި އެވެ. އަދި ފަހުން އެޗްއާރުސީއެމްގެ ބޭފުޅުންވެސް ވަޑައިގެންނެވި އެވެ. އެހެންނަމަވެސް ޖެންޑާ މިނިސްޓްރީގެ އިސް އެއްވެސް ބޭފުޅަކު އެތަނަށް ވަޑައެއްނުގަންނަވަ އެވެ. އެ މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި ގިނަ ބޭފުޅުންތަކެއް ތިއްބަވާއިރު އެއިން އެއްވެސް ބޭފުޅަކުން މައްސަލައަށް އެޓެންޑު ނުކުރެއްވުމުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ރޭ ބުނީ މިއަދުގެ ވަގުތެއްގައި ފިޔަވަތީގެ ކުޑަކުދިންނާއި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކޮށް ހިނގައިދިޔަ ކަންކަން އޮޅުންފިލުވާނެ ކަމަށެވެ.