ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދީގެން މީގެ ކުރިން ހައްޔަރު ކުރި މީހާ، ތިންވަނަ ފަހަރަށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފި އެވެ.
އިސްމާއިލް ޔާސިފް ނަމަކަށް ކިޔާ މި މީހާ އެންމެ ފުރަތަމަ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިނީ ފޭސްބުކް ގައި ކުރި ޕޯސްޓެއްގަ އެވެ. އެގޮތުން ޔާސިފް ބުނީ ނަޝީދު ދެން ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށެވެ.
އޭނާ މީގެ ކުރިން ވަނީ ރައީސް ނަޝީދަށް މިދިޔަ މެއި މަހު ދިން ބޮމުގެ ހަމަލާއަށްވުރެއް ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށްވެސް ބުނެފަ އެވެ.
މިމައްސަލައިގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އޭނާ ވަނީ ތިންވަނަ ފަހަރަށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފަ އެވެ. މީގެ ކުރިން އެހެން ކޯޓެއްގައިވެސް އޭނާ މިކަން ތަކުރާރު ކުރި އެވެ. އެއީ އިންޒާރު ދިން މައްސަލައިގައި އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުންނެވެ. ދެވަނަ އިންޒާރާއިއެކު ކޯޓުން ވަނީ 15 ދުވަހުގެ ބަންދާއިއެކު 15 ދުވަހުގެ ޖަލު ހުކުމެއްވެސް ޔާސިފްގެ މައްޗަށް އިއްވައިފަ އެވެ.
ކްރިމިނަލް ކޯޓުގައި ތިންވަނަ ފަހަރަށް މަރުގެ އިންޒާރު ދިނުމާއިއެކު އެކޯޓުން ވަނީ 30 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވައިފަ އެވެ. އެއީ ކޯޓުގެ ހުރިމަތް ކެނޑި މައްސަލައިގަ އެވެ.
އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މީގެ ކުރިން ވިދާޅުވީ މިދިޔަ އޯގަސްޓު މަހުގެ ފަހުކޮޅެވެ. އެހެންނަމަވެސް މެއި ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ތަހުގީގު ނުނިމެނީސް ރާއްޖެ އަންނަން ޖެހިލުންވެވަޑައިގަންނަވާކަމަށް ވިދާޅުވެ ނަޝީދު ވަނީ މަޖިލީހަށް ސިޓީއެއް ފަހުން ފޮނުވައިފަ އެވެ.
އެސިޓީގައި ނަޝީދު ވިދާޅުވީ ރާއްޖެ ވަޑައިގަންނަވާނީ ހަމަލާގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވުމުންނެވެ.