ކޮވިޑް-19 ދިފާއު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ޑިޖިޓަލް ޕާސްޕޯޓެއް ތައާރަފުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޑިޖިޓަލް ޕާސްޕޯޓު ދޫކުރަން ހަދާފައިވާ ހާއްސަ ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރި ވެކްސިންގެ ޑޯޒް ފެންނަން ހުންނާނެ ކަމަށެވެ. އަދި އޭގައި ބައްޔަށް ޓެސްޓުކުރި ނަތީޖާތައްވެސް ފެންނަން ހުންނާނެ ކަމަށް އެ އޭޖެންސީން ބުންޏެވެ.
ޕޯޓަލްއަށް ވަނުމަށްފަހު އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރު ޖެހުމުން ފޯނަށް އޯޓީޕީއެއް ދާނެ އެވެ. އަދި އޯޓީޕީ ޖެހުމުން އެމީހަކާއި ބެހޭ މައުލޫމާތު ޕޯޓަލްއިން ލިބޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ޕޯޓަލްއަށް އެކްސެސް ވެވޭނީ އެ އޭޖެންސީއަށް ކުރިން ދީފައިވާ ނަމްބަރު ބޭނުންކޮށްގެން އެކަންޏެވެ. އަދި އެމީހެއްގެ ކޮވިޑް ސްޓޭޓަސް ކިއު އާރު ކޯޑަކުން އެހެން މީހުންނަށް ވަކި ވަގުތެއް ވަންދެން ހިއްސާވެސް ކުރެވޭނެ އެވެ. ވެކްސިން ސެޓްފިކެޓު ޕްރިންޓުވެސް ކުރެވޭނެކަމަށް އެޗްޕީއޭއިން ބުންޏެވެ.
ވެކްސިން ފުރިހަމަ ކުރި މީހުންނަށް ވެކްސިން ކާޑެއް ދިންއިރު މީގެ ކުރިން ދަތުރު ކުރުމަށާއި އެހެންވެސް ބައެއް ބޭނުންތަކުގައި ވެކްސިން ފުރިހަމަ ކުރިކަން ދެނެގަންނަނީ އެކާޑުންނެވެ.