ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ދައުލަތުން ހަދާފައި ހުރި ޑީލްތަކާއި ސިލެކްޓިވް ޖަސްޓިސްގެ މުޑުދާރުކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނަގަން ނުޖެހޭނެކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މަރުހަލާ ސުޕްރީމް ކޯޓުގައި ކުރިއަށް ދާއިރު ޝަރީއަތުގެ އަޑުއެހުންތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ދައުލަތަށާއި ޕީޖީއަށް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ބައިވެރިވި ބައެއް މީހުންގެ މައްޗަށް ދައުވާނުކޮށް އެމީހުންގެ އެހީގައި ދައުލަތުން ބޭނުންވާ ވަކި ބަޔަކަށް ދައުވާ ކުރުމަށް މަސައްކަތް ކުރާތީ އެކަމަށްވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ހިޔާނާތުގެ ފައިސާ ދޮވެ އެކި ފަރާތްތަކަށް ބެހުމުގައި އިސްކޮށް ހަރަކާތްތެރިވި ކުންފުނި، އެސްއޯއެފްއަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާކަމަށް އިއްޔެ ސުޕްރީމް ކޯޓުގައި ޕީޖީ އޮފީހުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ. މިކަމަމަށް އިޝާރާތް ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ޝަީއަތުގައި ޕީޖީގެ ނާގާބިލުކަމާއި ހަދާފައިހުރި ޑީލްތަކާއި ސިލެކްޓިވް ޖަސްޓިސް ނުވަތަ ޕިކް އެންޑް ޗޫސް ޕަރސެކިއުޝަންތައް އެބަ ހާމަވާ ކަމަށެވެ. އަދި ޝަމީމާއި ދައުލަތުގެ އިހުމާލާއި މުޑުދާރުކަމުގެ ޒިންމާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އުފުލަން ނުޖެހޭކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލައްވައިފަ އެވެ.
"ސުޕްރީމް ކޯޓަށް ވަދެ ޖިލްބާބު ގަމީހާ ފަޓުލޫނާއެކު ތިމަންނާމެން މިތިބީ "ފާސިގުން" ނާއެކު ރައްޔިތުންނަށްޓަކައި ޑީލް ހަދައިގެންކަމަށް ބުނާއިރު، މިވެރިކަމަށް 3 އަހަރު ވީއިރު ތިޔަ ވިދާޅުވާ "މަނީ ޓްރެއިލް" އިން ރައްޔިތުންނަށް ރިކަވާ ކުރެވުނީ ކިތައް ފައިސާތޯ؟ ބައި ރުފިޔާވެސް ނުލިބޭ"
- އަލީ ވަހީދު
އޭނާ ވިދާޅުވީ ފާސިގުންނާއެކު ޕީޖީ ޑީލް ހެދީ އެހެންކަމެއްގެ ބޭޏުމުގައި ކަމަށެވެ. އެއީ ބަޔާންތަކުން ވަކި ބައެއްގެ ނަންތައް އުނިކޮށް އެމްއެމްޕީއާރުސީގެ ސައްހަ ލިސްޓު އޮޅުވައިލަންކަމަށް އަލީ ވިދާޅުވި އެވެ.
ސިޔާސީ ކޮންމެ ރާގޮނޑި ދުއްޔަކަށް އެމްއެމްޕީއާރުސީ ފައިސާ ހުރީ ވަދެފައިކަމަށްވެސް އަލީ ވިދާޅުވި އެވެ. ޕީޖީ ޝަމީމް ފެއިލްވެފައިވާކަމަށް އަލީ ވަހީދު އަބަދުވެސް ވިދާޅުވާ ވިދާޅުވުން މިފަހަރުވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.