އިސްލާމް ދީން ނޫން އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ދީ، ދީނީ މިނިވަންކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގައި ގޮވާލައްވައިފި އެވެ.
ޖާބިރު މިފަދައިން ގޮވައިލެއްވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ހެއްކާއިބެހޭ ބިލާއި ގުޅޭގޮތުން ކުރިއަށް ދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. ދީނީ މިނިވަންކަމަށް ގޮވައިލައްވަމުން ޖާބިރު ވަނީ ކީރިތި ގުރުއާނުގެ ކާފިރޫން ސޫރަތުގެ ހަތަރުވަނަ އާޔަތް ވިދާޅުވެފަ އެވެ.
'لَكُمْ دِينُكُمْ وَلِيَ دِينِ' އާޔަތް ވިދާޅުވެ ޖާބިރު ވަނީ އެހެން ދީންތަކުގެ މީހުން ރާއްޖެއަށް އައިސް ނަމާދުކޮށް އުޅުމުގެ މިނިވަންކަން ދެވެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މިރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ." އާޔަތް ވިދާޅުވުމުގެ ކުރިން ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ރާއްޖެއަކީވެސް އެހެން ގައުމުތަކެކޭ އެއްގޮތަށް ޔުނިވާސަލް ޕްރެކްޓިސް ކުރެވޭ ތަނެއްގެ ގޮތުގައި ވާންޖެހޭނެ ކަމަށެވެ.
މިފަހަކަށް އައިސް ޖާބިރުގެ ފަރާތްޕުޅުން ދަނީ އާދަޔާ ހިލާފު ކަންތައްތަކެއް ފެންނަމުންނެވެ. އެގޮތުން މަގުމަތީގައި އޮށޯވެ ހަޑި ހުތުރުބަހުން ވާހަކަ ދެއްކެވުމާއި ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ކުރިމަތީގައި "އަވަގުރާނަ" ގޮވުންފަދަ ކަންކަންވެސް ޖާބިރުގެ ފަރާތްޕުޅުން ދަނީ ފެންނަމުންނެވެ.