ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.
އާޒިމާގެ މައްޗަށް ދައުލަތުން އުުލާފައިވާ ދެ ދައުވާ އަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ.
ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު އެމަނިކުފާނު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އޭސީސީއަށް އާޒިމާއަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ އެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރަން އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން އުޅުނު ކަމަށް ބުނެ އެވެ.
އާޒިމާގެ މައްޗަށް ކުރާ ދެ ދަޢުވާގައި ދަޢުލަތުން ހުށައެޅި ޝަފަޢީ ހެކިންގެ ގޮތުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ ސީއީއޯ މުޙައްމަދު ޝަރީފު ހިމެނެއެވެ.
އެ ދެ ދައުވާ އަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ.ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމާގެ މައްސަލައިގެ އަޑުއެހުން މިއަދު ކެންސަލްކޮށްފައި ވަނީ އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލަކު ކަރަންޓީންގައި ހުރުމުންނެވެ.
×