ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާކުރާ އެދުރުން ކަމަށެވެ. އެމީހުންނަށް، އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ މިސަރުކާރުގެ ވައުދެއްކަމަށާއި އެގޮތުން 56 އިންސައްތައިގެ ކުރިއެރުމެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ، ދަރިން ބިނާކުރާ އެދުރުން. އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ އަޅުގަނޑުމެންގެ ވައުދެއް. އަންނަ މޭމަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ މިއީ 56 ޕަރސެންޓްގެ ކުރިއެރުމެއް،
ރައީސް ވިދާޅުވީ ނިމިދިޔަ އަހަރު 4،082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން ދީފައިވާ ކަމަށެވެ. އަދި ُ20
ޕްރިންސިޕަލަކަށް މާސްޓާސް ފެންވަރަށް ތަމްރީނުވުމަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދާދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތް ސަރުކާރުން
ބިނާ ކުރަމުން ގެންދާ ކަމަށެވެ. މި ދައުރުގާ 23 ސްކޫލެއް އެއްދަން ފަޅިއަށް މުޅިން އަލަށް ބަދަލު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރު 22 ސްކޫލެއްގާ 117 ކްލާސް ރޫމާ ހަ މަލްޓިޕާޕަސް ހޯލް އިމާރާތްކޮށް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިތުރު 55 ސްކޫލެއްގާ 473 ކްލާސްރޫމާ 27 މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަށް ޖުމްލަ 941 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުގާ ޓިވެޓް ސެންޓަރު ތަކާ ޖޫނިއާ ކޮލެޖް އަދި ޕޮލިޓެކްނިކް ގާއިމު ކުރުމުގެ މަސައްކަތް ހިންގަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހއ. ދިއްދޫ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީ ޓިވެޓް ސެންޓަރު ބިނާކުރުމުގެ މަސައްކަތް މި އަހަރު ހިނގާނެ ކަމަށެވެ. ކެނދިކުޅުދޫ ޖޫނިއާ ކޮލެޖާއި ތުލުސްދޫގެ ޕޮލިޓެކްނިކް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު އިއުލާނުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.