ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ށ. މަރޮށީގެ މެގަ ޕްރޮޖެކްޓަކީ ބަށި ކޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކެމްޕޭން ދަތުރުފުޅުގައި މަރޮއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަރޮށީގައި ޔާމީންގެ މެގަރ ޕްރޮޖެކްޓަކީ ބަށި ކޯޓެއް ކަމަށާއި އެ ދާއިރާގެ ރަށަކަށް ވަޑައިނުގަންނަވާ ކަމަށެވެ. އެބަޔަކު ދެކޭ ގޮތުގައި ވެރިން ތިބޭނީ ހައިބައިތުގައި ފޮރުވިފައި ކަމަށާއި ވެރިންނަށް ރައްޔިތުން ސަނާ ކިޔައި، ބިރު ގަންނަން ޖެހޭ ކަމަށް ބަޔަކު މީހުން ގަބޫލު ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ. "އެމީހުންނާ" އެމްޑީޕީއާ އޮތް ފިކުރީ ތަފާތަކީ އެއީކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މަރޮށީގެ މެގަ ޕްރޮޖެކްޓަކީ ބަށި ކޯޓެއް. އަދި އެނގިވަޑައިގަންނަވާނެ، އެބޭފުޅާ މީގެ ރަށަކަށް ވަޑައިނުގަންނަވާ، އަދި އެބޭފުޅާ މީގެން ރަށަކަށް ވަޑައިގެންނެވި ނަމަވެސް އެކަހެރިވެގެން ނޫނީ ނުއިންނަވާނެ
ނަޝީދު ވިދާޅުވީ، އެ ފަލްސަފާގެ އެ ފިކުރުގެ އެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ހަލާލު މަސައްކަތުން މަސައްކަތް ކޮށްގެން އަނބިދަރިން ބަލަހައްޓާ ފަހުރުވެރި ދިވެހި މީހާއަކީ "އަޅުގަނޑުމެން" ހޯދާ މީހާ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރައީސް ސާލިހް ވެވަޑައިގެންނެވި ވައުދުތައް މާބޮޑަށް ވެސް ފުއްދަވަމުން ގެންދަވާ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ނިކުމެ ތިބީ ދިގު މަސައްކަތްތަކަށް ކަމަށާއި ހަމައެކަނި މި އިންތިޚާބުގެ ކެމްޕޭނަަށް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.