އުރީދޫއިން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓު ހަދިޔާ ކުރަން ނިންމައިފި އެވެ.
އުރީދޫންބުނީ ދުޅަހެޔޮ ސިއްހަތެއް ރާާއްޖޭގައި ދެމެހެއްޓުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް މުހިންމު ހެލްތު ކިޓުތަކެއް ހަދިޔާކުރުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތު ސެންޓަރު އަދި ހެލްތު ޕޯސްޓުތަކަށް މި ކިޓުތައް ހަދިޔާ ކުރާކަން ހާމަކޮށްފަައި ވަނީ ހެލްތު މިނިސްޓަރު، އަހްމަދު ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ހާލިދު އަލް-ހަމާދީ އާއި އެ ކުންފުނީގެ އިސް އޮފިޝަަަލުންނާއި އެކު މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ހާއްސަ ބަައްދަަލުވުމެއްގަ އެވެ.
އުރީދޫން ބުނީ މި ބަައްދަލުވުމުގައި، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އުރީދޫ އާއި ހެލްތު މިނިސްޓްރީގެ ބައިވެރިވުމާއި އެކު ކުރިއަށްގެންދެވޭނެ ތަފާތު މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރު، ޕަލްސް އޮކްސިމީޓަރު، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރު އަދި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ މި ކިޓުތައް މިއަހަރު ކުރީކޮޅުގައި ހެލްތު ސެންޓަރުތަކަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީކަން އުރީދޫން ވަނީ ދީފަ އެވެ.
އުރީދޫ މޯލްޑިވްސް އިން އަންނަނީ އދގެ ދެމެހެއްޓެނިވި ތަރައްގީގެ ތިން ވަނަަ ލަނޑުދަނޑި "ގްލޯބަލް ގޯލްސް" ކަމަށްވާ "ގުޑް ހެލްތު އެންޑް ވެލްބީންގް" ހާސިލްކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެކުންފުނިން ބުނެއެވެ.
އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކުލަބުތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށްވެސް އުރީދޫން އަންނަނީ މިހާރުވެސް މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން ބުންޏެެވެ.
އުރީދޫން މީގެ ކުރިން ވަނީ ކޮވިޑު ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގުރޫޕާއި ގުޅިގެން ދިވެހި ސަރުކާރަށް ދެލައްކަ ފަންސާސް ހާސް ރުފިޔާ ހަދިޔާކޮށްފަ އެވެ.