އުރީދޫ މޯލްޑިވްސްއިން އެމްފައިސާ މެދުވެރިކޮށް ވައިބާއިން ފައިސާ ފޮނުވޭ ހިދުމަތެއް މިއަދު ތައާރަފުކޮށްފިއެވެ.
އުރީދޫން އިއްޔެ ބުނީ މި ހިދުމަތް ތައާރަފުކޮށްފައިވަނީ ވަކިވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް އަދި ކަންމަތީ ފިހާރަތައް ފަދަ ކުދި ވިޔަފާރި ވެރިފަރާތްތަކަށް އިތުބާރާއި ފަސޭހަކަމާއެކު ފައިސާ ޓްރާންސްފާ ކުރެވޭނެ ހައްލެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
އުރީދޫން ބުނީ ވައިބާ މެދުވެރިކޮށް އެމްފައިސާ އިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި އެމްފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝްބެކް އެއް ލިބޭނެ ކަމަށެވެ. މި އޮފާ ލިބިގެންދާނީ ސިލްވާ ނުވަތަ ގޯލްޑް ވޮލެޓް ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500 ރުފިޔާ ކޭޝް-އިން ކުރާ ކަަސްޓަމަރުންނަށެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ހިދުމަތަކީ އުރީދޫގެ ކަސްޓަމަރުން ޑިޖިޓަލް ޕްލެޓްފޯމުތަކަށް އަހުލުވެރިކުރުވުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ.
"ވައިބާއާ ޕާޓްނާވެ ރަައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭ މި އީޖާދީ ހިދުމަތް އަަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އަަޅުގަަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަަލެއް. ވައިބާއަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޕްލެޓްފޯމަކަށް ވުމުން، މި ހިދުމަަަތަަކީ ކަސްޓަމަރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަހުލުވެރިކުރުވުމަށް އެޅޭ ވަަރަަށް ބޮޑު ބާރެއް،" ހާލިދު ވިދާޅުވިއެވެ.
ފައިސާ ފޮނުވުމަށް ވައިބާގެ ޗެޓް ހުޅުވުމަށްފަހު ޖިފް+ ބައި ހުޅުވައި އެމްފައިސާ ހިޔާރުކުރެވޭނެއެވެ. އަދި އެމްފައިސާ އެކައުންޓަށް ލޮގިން ވުމަށް ޕިން ޖެހުމަށްފަހު ފަައިސާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަދު ޖެހުމުން ފޮނުވޭނެއެވެ. އަދި "ޝެއާ ރިސީޓް" ސެލެކްޓް ކުރުމުން ފައިސާ ފޮނުވައި ރަސީދު ވެސް އަމިއްލައަށް ދާނެއެވެ.
އުރީދޫ އެޕް މެދުވެރިކޮށް އެމްފައިސާ އަށް ރެޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުމުގެ އިތުރުން މާޗަންޓުންނަށް ފައިސާ ދައްކާލެވޭނެއެވެ. އެމްފައިސާ ޑިޖިޓަލް ވޮލެޓަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެއެވެ.