ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އުރީދޫގެ ބްރޭންޑް އެމްބެސެޑަރުކަން ތިންވަނަ އަހަރަށް މިއަދު އާކޮށްފިއެވެ.
ޕާޓްނާޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް އާއި މާޒިޔާ ގުޅިގެން ރާއްޖޭގެ ހުރިހާ މުޖުތަމައެއްގައި ފުޓުބޯޅަ ކުރިއެރުވުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހުނަރު ބިނާކުރުމާއި އަދި ފުޓުބޯޅައިގެ ފޯރި ދިރުވައި އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފައެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ކްލަބު މާޒިޔާއިން މިދިޔަ އަހަރުވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް ތަޖުރިބާކާރު ޓްރެއިނަރުން ހިމެނޭގޮތަށް ޔޫތު ޑިވެލޮޕްމަންޓްމަންޓަށް އެކަޑެމީތަކުގެ މަސައްކަތް ކޮށްފައެވެ.
އުރީދޫން ބުނީ މާޒިޔާގެ ޕާޓްނާޝިޕާއެކު ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް އެ ކުންފުނިން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
"ކުޅިވަރުގައި ބައިވެރިވުމަކީ އިތުބާރު ބޮޑުވެ، ދިރިއުޅުމުގައި ފޯކަހެއް ގާއިމުކުރެވި، ކުރާ ކޮންމެކަމެއްގައިވެސް ރަނގަޅު އަހުލާގީ މިންގަނޑުތަކެއް ހިފެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެއް. ފެށުނީއްސުރެ ފުޓްބޯޅައަކީ ދިވެހިންގެ އިތުރުން އުރީދޫއާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކުޅިވަރެއް. އެހެންކަމުން މާޒިޔާއާއެކު މިއޮތް ޕާޓްނާޝިޕްގެ ތެރެއިން، ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ކާމިޔާބީއަށް މަގުފަހިވާނެ ގޮތަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވިއެވެ.
ޕާޓްނާޝިޕާ ގުޅޭގޮތުން މާޒިޔާގެ ފަރާތުން ބުނީ ކްލަބުގެ މެއިން ސްޕޮންސަރުންގެ ގޮތުގައި އުރީދޫ ދެމިތިބުމަކީ ލިބޭ ހިތްވަރެއް ކަމަށާއި، އެއްބަސްވުމާއެކު އިޖުތިމާއީ ކަންކަމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
"އުރީދޫ މޯލްޑިވްސްއިން އަނެއްކާވެސް މި ކްލަބުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ދެމިތިބުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މި ޕާޓްނާޝިޕާއެކު މުޖުތަމައުތަކަށް މަންފާ ކުރަނިވި މަސައްކަތްތަކެއް އުރީދޫ މޯލްޑިވްސްއާއެކު ކުރިއަަށް ގެންދިއުމަށް ވަނީ ރޭވިފައި،" މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް އުރީދޫއަކީ އަބަދުވެސް ގާތް އެކުވެރިއެކެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ކުޅިވަރު އިވެންޓް، ސަރަހައްދީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ ވެސް އުރީދޫ މޯލްޑިވްސްއެވެ.
ފަހުގެ ތާރީހުގައި މާޒިޔާއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބެވެ. އެ ކްލަބުން ވަނީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި އެންމެ ފަހުގެ ޕްރިމިއާ ލީގު ދެ ސީޒަންވެސް ކާމިޔާބުކޮށްފައެވެ. މިއަހަރުގެ ޕްރެސިޑެންޓް ކަޕުގެ ފައިނަލުގައި ވެސް ވާދަކުރި މާޒިޔާއިން ވަނީ 2015 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ.