އުރީދޫ މޯލްޑިވްސް އިން ހިއްސާއަކަށް 2.70 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އުރީދޫން ހިއްސާއަކަށް 2.70 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ކްރޮސްރޯޑްސް މެރީނާގައި ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
އެ ޖަލްސާގައި އަމިއްލަ ގޮތުން 101 ހިއްސާދާރެއްގެ އިތުރުން ޕްރޮކްސީގެ ގޮތުގައި 1101 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ ޖުމުލަ 135,970,377 ހިއްސާއެވެ. ޖަލްސާގައި ބައިވެރިވީ 92 ޕަސެންޓް ހިއްސާދާރުންނެވެ.
އެ ޖަލްސާގައި ހިއްސާއަކަށް 2.70 ރުފިޔާ ބަހަން ފާސްކުރުމަށް ވޯޓުގައި ބައިވެރިވި 1084 ހިއްސާދާރުންގެ ތެރެއިން 1070 ހިއްސާދާރުން ވޯޓު ދިނެވެ. ދެކޮޅަށް ވޯޓު ދިނީ 14 ހިއްސާދާރެކެވެ. އެ ހުށަހެޅުން ފާސްވެފައިވަނީ 98.7 ޕަސެންޓް ވޯޓާއެކުއެވެ.
ރޭގެ ޖަލްސާގައި މިދިޔަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓުވެސް ފާސްކޮށްފައިވެއެވެ. އަދި އާންމު ހިއްސާދާރުންގެ ތެރެއިން އުރީދޫގެ ބޯޑަށް ޑިރެކްޓަރަކުވެސް އިންތިހާބުކޮށްފައެވެ.
އެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ފާއިތުވެދިޔަ ދެ އަހަރުވެސް އެ މަގާމުގައި ހުންނެވި ފަރީހާ ޝަރީފެވެ. އޭނާ އެ މަގާމަށް އިންތިހާބުވީ 60.9 ޕަސެންޓް ވޯޓާއެކުއެވެ.
އުރީދޫއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ 2020 ވަނަ އަހަރާ އަޅާ ބަލައި އިރު, ހަތަރު ޕަސެންޓުގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 465 މިލިއަން ރުފިޔާ ލިބުނު އިރު, އެއީ 14 ޕަސެންޓުގެ ކުރިއެރުމެކެވެ. އުރީދޫއަށް 2020 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 407 މިލިއަން ރުފިޔާއެވެ.