ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއް މިއަދު 2:00 އަށް ތާވަލުކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން، ކުރިމިނަލް ކޯޓުގައި މަހުލޫފްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ.އެއީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިރު، 27 އޮގަސްޓު 2014 ގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ގައި ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށް ބުނެއެވެ.
މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެ މައްސަލަ ބޭރުކޮށްލީ ދައުލަތުން މައްސަލާގައި ހުށަހެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއްކަމަށް ކަނޑައެޅުމަށްފަހުގައެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ 10 ފެބްރުއަރީ 2022ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުވާ ސާފުކޮށް، ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެސްއޯއެފްއިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގަައި ޖަމާކޮށްފައިވާ ފައިސާ ކަމަށް, އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މަހުލޫފް ވަނީ ވިދާޅުވެފައެވެ.
އެމުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށާއި އަދި އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ، މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
"ދަ ޖީންސް" ފިހާރައަކީ މަހުލޫފުގެ އާއިލީ ވިޔަފާރިއެއް ކަމަށް އޭނާ ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.