އެމެރިކާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަހުމަދު ޚަލީލް ބައްދަލުކުރައްވައިފިއެވެ.
އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަހުމަދު ޚަލީލް ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާއާއި ބެހޭ އެންމެ އިސްވެރިޔާ، އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫއާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޔޫ.އެސް އޭޖެންސީ ފޮރ އިންޓަނޭޝަނަލް އެއިޑް (ޔޫ.އެސް އޭ.އައި.ޑީ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ކަންތަކާ ހަވާލުވެ ހުންނެވި އެކްޓިންގ ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރ ތިއޮޑޯރާ ޑެލް އާއިއެކުވެސް ސްޓޭޓް މިނިސްޓަރ ޚަލީލު ވަނީ ބައްދަލުކުރައްވާފައެވެ.
އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫއާއެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ތައުލީމާއި، ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ހިނގާ ދެޤައުމާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ސްޓޭޓް މިނިސްޓަރ ޚަލީލު އާއި އެސިސްޓަންޓް ސެކްރެޓަރީ ލޫ މަޝްވަރާކުރެއްވިއެވެ.
ޔޫ.އެސް.އޭ.އައި.ޑީ އާއެކު ސްޓޭޓް މިނިސްޓަރ ޚަލީލް ކުރެއްވި މަޝްވަރާތަކުގައި އެ އޭޖެންސީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި މިހާރު ހިންގަމުންދާ އެކިއެކި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ޚަލީލްގެ އަރިހުގައި ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެންއާއި، އެމްބަސީގެ މިނިސްޓަރ-ކައުންސެލަރ ހަސަން އާދަމްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު އާއި ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ބައިވެރިވެވަޑައިގަތެވެ.