ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށް ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ އާޔަން އަޙްމަދު އިނާންއާއި ހަނާން ހުސެއިން ޝަރީފް ޙާސިލްކޮށްފިއެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ އެކި ކެޓަގަރީތަކުން އެއްވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ފިލައާއި ޓްރޯފީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.
ރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި މުޅި މުބާރާތުން އެއްވަނަ އަށް ގޮސްފައިވަނީ އާޔަން އަޙްމަދު އިނާންއާއި ހަނާން ހުސެއިން ޝަރީފްއެވެ. މުޅިމުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ޙާސިލްކޮށްފައިވަނީވެސް މިދެދަރިވަރުންނެވެ. މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ޙާސިލްކޮށްފައިވަނީ ފަތިމަތް ޝާހާ ހުސެއިންއެވެ. ޙާފިޒް ކަމުގެ ގޮފިން އެއްވަނަ ޙާސިލްކޮށްފައިވަނީ ފާތުމަތު ޝާހާ ޒާހިރުއެވެ. މުވައްސަސާތަކުގެ ބައިން އަތޮޅު ކައުންސިލްތަކުގެ ދާއިރާއިން އެއްވަނަ ހާސިލްކޮށްފައިވަނީ ފ.އަތޮޅު ކައުންސިލް އިދާރާއެވެ. މިރަސްމިއްޔާތުގައިވަނީ މިގޮފިތަކުން ދެވަނަ އަދި ތިންވަނަ ޙާސިލްކުރި ދަރިވަރުންނަށްވެސް އިނާމާ ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ރައީސްވަނީ މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން 1 ވަނައަށާއި މުބާރާތުގެ ޙާފިޡުންގެ ގޮފިން 1 ވަނައަށާއި މުޅި މުބާރާތުން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހަވާލުކޮށްދެއްވާފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް (2021) ކުރިޔަށްގެންދިޔައީ ވަރޗުއަލްކޮށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑްކޮށް، އެ ވީޑިއޯ ޕޯޓަލްއަކަށް އަޕްލޯޑްކޮށްގެންނެވެ. ނުބަލާ ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ. މުބާރާތް ކުރިޔަށްގެންދިޔައީ 6 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އަދި މުބާރާތް ކުރިޔަށް ގެންދިޔައީ މައިގަނޑު 3 ބަޔަކުން ވާދަކުރެވޭގޮތަށެވެ.، އެ ބައިތަކަކީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބަޔާއި ޙާފިޡުންގެ ބައެވެ. މުޅި ރާއްޖެއަށް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 1700 ބައިވެރިން ބައިވެރިވިއިރު އޭގެތެރޭގައި 98 މުއައްސަސާއަކުން ބައިވެރިވި ބައިވެރިންވެސް ހިމެނެއެވެ.