ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބުލް ކަލާމް އަޒަދް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ސޯލިހަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުކަމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން ބަންގްލަދޭޝްގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝްއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ބަންގްލަދޭޝްގެ އައު ސަފީރުވަނީ ދާދިފަހުން ދެ ޤައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅުތަކުގައި ބަދަލުކުރެވުނު އެއްބަސްވުންތައް ތަންފީޒުކޮށް ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ދެ ބޭފުޅުންވަނީ ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ކަންކަމާއި މީހުން ބިނާކުރުމާއި ޞިއްޙީ ދާއިރާ ތަރައްޤީކުރުމާއި އަދި ތަޢުލީމީ ދާއިރާއާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެއްބާލުންފަދަ ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް އޮތްކަން ފާހަގަކުރައްވައި ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކުގައި ޙިއްޞާވާ ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް، ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެއްވެސް ތަފާތުކުރުކުރުމެއް ނެތި ވެކްސިން ލިބޭނެ މަގުފަހިކޮށްދެއްވައި، ވެދެއްވާފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް އެސްޓްރާޒެނެކާ ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަމަށްޓަކައި ސަފީރު ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސަފީރު ވަނީ ދެ ޤައުމުގެ ޒަމާންވީ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.