ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަހްރައިނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވީ ރައީސް ބަހްރެއިންނަށް ކުރައްވާ ދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ. އޭގެ ތެރެއިން 3 އެއްބަސްވުމަކީ ޚާރިޖީ ދާއިރާގެ އެއްބަސްވުންތައް ކަމަށާއި ހަތަރުވަނަ އެއްބަސްވުމަކީ ކުޅިވަރުގެ ދާއިރާއިން ވެވޭ އެއްބަސްވުމެއް ކަމަށް މިޢުވާން ވިދާޅުވިއެވެ.
ސޮއިކުރައްވާ އެއްބަސްވުންތައް:
1- ޕޮލިޓިކަލް ކޮންސަލްޓޭޝަން ކުރިއަށް ގެންދިއުމާ ގުޅޭ އެއްބަސްވުން
2- ފޮރިން ސާވިސް އިންސްޓިޓިއުޓް މޯލްޑިވްސް އާއި ބަހްރައިންގެ މުހައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކަޑަމީ ފޯ ޑިޕްލޮމެޓިކް ސްޓަޑީޒްއާ ދެމެދު ސޮއިކުރާ އެއްބަސްވުން
3- މޫސުމީ ބަދަލުތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރެވޭ އެއްބަސްވުން
4- ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރާ އެއްބަސްވުން
މި އެއްބަސްވުންތަކުގެ ތެރެއިން ހާރިޖީ ދާއިރާގެ ތިން އެއްބަސްވުމުގައި ސޮއިކުރައްވާނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި ކުޅިވަރުގެ އެއްބަސްވުމުގައި ސޮއިކުރައްވާނީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބަޙްރައިންގެ ރަސްގެފާނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ.
ރައީސްގެ ދެކަނބަލުންނާއި މި ދަތުރުފުޅުފައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދުގެ ބޭފުޅުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 8 ވާ ހޮނިހިރު ދުވަހުގައެވެ.