ދިވެހި ޤައުމަށްޓަކައި 3 ނޮވެމްބަރ، 1988 ގައި ދިވެހި ޤައުމުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން އޭނާގެ އުފަން ރަށް ކަމަށްވާ ކުޅުދުއްފުށިން ނިންމައިފިއެވެ.
އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހެދުމަށްޓަކައި، ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ކަމަށެވެ.
އިއުލާނުގައިވާ ގޮތުން ބިނާ ހުންނަންވާނީ ހުސައިން އާދަމްގެ ޖިހާދު ރަމްޒުކޮށްދޭ ފަރުމާއަކަށް ކަމަށާއި ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިންލިބޭ ދިގު މުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށް ކަމަށް އިއުލާނުގައި ވެއެވެ.
ފަރުމާ ވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށް ކަމަށް ވެސް އިއުލާނުގައި ވެއެވެ.
މި ބިނާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރަށުގެ އާންމު ސަރަހައްދެއްގައި ކަމަށް ކައުންސިލްގެ އިއުލާނުގައި ވެއެވެ.
ކައުންސިލުން ވިދާޅުވީ ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާ (ފަސްހާސް ރުފިޔާ) ކަނޑައެޅިފައިވާ ކަމަށެވެ.
ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00 އެވެ. ބިނާ ފަރުމާ ކުރުމަށްފަހު، ސޮފްޓްކޮޕީތައް (ކޮރަލްޑްރޯ ، އޮޓޯކެޑް ނުވަތަ ސްކެޗަޕް) ކައުންސިލަށް މެއިލް ކޮއްދެއްވުމަށް ކައުންސިލުން އެދެއެވެ. ކުޅުދުއްފުށީ ކައުންސިލްގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން ކުޅުދުއްފުށީ ކައުންސިލުން ނިންމުމުން މިއީ ރާއްޖެ މިނިވަން ކޮށްދިނުމަށް މަސައްކަތް ކުރެއްވި ބަޠަލެއްގެ މިފަދަ ބިނާއެއް ރާއްޖޭގެ ރަށެއްގައި ހަދާ ފުރަތަމަ ފަހަރަށް ވާނެއެވެ.