އަންހެނުންގެ ފޮޓޯއާއި ފޯނު ނަމްބަރުތަކެއް އާންމުކުރަމުންދާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މީގެ ކުރިން ސޯޝަލް މީޑިއާގައި މި ޓެލެގްރާމް ގްރޫޕާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން ގްރޫޕު މެދުވެރިކޮށް އަންހެން ކުދިންގެ ފޮޓޯ އާންމު ކުރުމަށްފަހު އެކުދިންގެ ނަމްބަރާއި ސްނެޕްޗެޓް އައިޑީ ބޭނުންވާނަމަ ފައިސާ ޖަމާކުރަން އެދޭކަމަށް ވަނީ އެނގިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި ކަމަށެވެ.
އިތުރު ތަފްސީލެއް މަބުރޫކު ހާމައެއް ނުކުރައްވަ އެވެ. އެހެންނަމަވެސް ތަހުގީގާއި ގުޅޭ މައުލޫމާތު ފުލުހުން ހާމަކުރަމުން ދާނެކަމަށް މަބުރޫކު ވިދާޅުވި އެވެ.
މިމައްސަލައިގައި ފުލުހުން ބުނީ ތަހުގީގު ކުރިއަށް ދާކަަމެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ޓެލެގްރާމް ގްރޫޕުތައް މެދުވެރިކޮށް މީގެ ކުރިންވެސް ވަނީ އަންހެން ކުދިންގެ މައުލޫމާތުތަކެއް އާންމުކޮށްފަ އެވެ. އެގޮތުން ފުލުހުން މީގެ ކުރިން ވަނީ އަންހެން ކުދިންތަކެއްގެ ބަރަހަނާ ފޮޓޯ އާންމުކުރަމުން ދިޔަ ގްރޫޕެއްގެ މައްސަލަވެސް ބަލަން ފަށައިފަ އެވެ. އެ ތަހުގީގުގެ އިތުރު ތަފްސީލެއް ފުލުހުން ފަހުން ހާމަކޮށްފައެއް ނުވެ އެވެ.
+1
+1
+1
+1
+1
+1