ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024ގައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް މަޝްހޫރު ނޫސްވެރިޔާ ހައްވާ މުޙައްމަދު (ހައްވި) ނިންމައިފި އެވެ.
ހައްވި ބުނީ މީދޫ ދާއިރާ ކުރިމަތިލާން ނިންމީ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މީދޫ ވަކިން ދާއިރާއެއްގެ ގޮތުގައި ތަމްސީލްވެގެން އަންނަ ފަހަރު ކަމަށްވާތީ އާއި ދާއިރާގެ ރައްޔިތުންގެ ބޭނުންތަކާއި އެއްގޮތަށް ވަކާލާތު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
" އަޅުގަނޑަށް ވަރަށް ގާތުން މިދިޔަ ރިޔާސީ އިންތިޚާބުގައި މިދާއިރާއާއި އެކުގައި ވަނީ މަސައްކަތް ކުރެވިފައި. ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ދާއިރާއަށް އެދޭކަންތައްތައް އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނީ ދާއިރާގެ ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭ ގޮތަށް އެކުވެރިކަމާއެކީގައި." ހައްވި ބުންޏެވެ.
ހައްވި އަކީ ފާއިތުވި 12 އަހަރު ދުވަހު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހުރި ފަރާތެކެވެ. ނޫސްވެރިކަމުގެ ދާއިރާއިން އެކި އެކި ހުނަރާއި ތަޖުރިބާ ހޯދާފައިވާ ހައްވި ވަނީ ރާއްޖެޓީވީގެ ޕޮލިޓިކަލް ޑެސްޓްގެ ހެޑްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކަވަރ ކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. އަދި އެދާއިރާތަކާއި ގުޅޭ ޕޮރޮގްރާމްތަކާއި ޚަބަރުތައް ވެސް ރާއްޖެޓީވީގައި ވަނީ ހުށައަޅާފަ އެވެ.
ހައްވި ވަނީ ސީއެންއެމްގައި ވެސް ސިޔާސީ މަސްރަޙާ ގުޅޭ ޕްރޮގްރާމް ހުށަހަޅައިދީ، އެސްޓޭޝަންގެ ޑެޕިއުޓީ ޓީވީ ކޮންޓެންޓް ހެޑްގެ މަޤާމްވެސް އަދާކޮށްފައެވެ.
ހައްވި ފާހަގަ ވެފައިވަނީ ސިޔާސީ ދާއިރާއާއި ގުޅޭ ޕްރޮގްރާމްތަކާއި ޚަބަރުތައް ގެނެސްދިނުމުގައި ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގުބޫލު ނޫސްވެރިއެއްގެ ގޮތުގައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަޤާމްވެސް އަދާކޮށްފައި ވެއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެންޕެއިންގައި ހައްވި ވަނީ ރައީސް ސޯލިހާއި އެއްކޮށް އެމްޑީޕީ ކެންޕެއިން ޓީމުގައި އިސްކޮށް މަސައްކަތްކޮށްފަ އެވެ.
ހައްވި އަކީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާއަށް ވާދަކުރަން ޝައުޤުވެރިކަން ފާޅުކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ޝައުޤުވެރިކަން ފާޅުކުރި ހަމަ އެކަނި އަންހެން ކަނބަލެވެ.
އައްޑޫ މީދޫ ދާއިރާ ކުރިން އެކުލެވިފައިވާ ގޮތަށް ގެނެވެނުނު ބަދަލާއި އެކު، މީދޫ ދާއިރާގައި މިހާރު ހިމެނެނީ މީދޫ އެކަންޏެއެވެ. ކުރިން އެދާއިރާގައި ހިމެނެނީ މީދޫގެ އިތުރުން މަރަދޫ-ފޭދޫ އެވެ.