ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވެވި ނިމާލް ފޮނުއްވި ސިޓީގައި ވިދާޅުވީ ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ގޮންޖެހުންތަކެއް ހުރުމުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް އިންތިހާބުވެ ކ. އަތޮޅަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ލިބުނު ނުހަނު ފަހުރަކާއި އުފަލެއް ކަމަށް އެ ސިޓީގައިވެއެވެ.
އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ހޭދަކުރަމުން ދިޔަ މުއްދަތުގައި އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ބެހެއްޓެވި ގާތްކަމާއި، ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްކުރުމަށް މަސައްކަތުގައި ދެއްވި އެއްބާރުލުމަށްޓަކައި މުވައްޒަފުންނަށް ވެސް ނިމާލްގެ ސިޓީގައި ޝުކުރު އަދާކޮށްފައިވެއެވެ.
ނިމާލްގެ ސިޓީގައި ވަނީ ކ.އަތޮޅުގެ ރައްޔިތުންނަކީ ތަރައްގީއަށް ބޭނުންވާ ގިނަ ގުނަ ކާމިޔާބީތައް އެކިއެކި ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ވަރަށް ބަސްއަހާ ރައްޔިތުންތަކެއް ދިރިއުޅޭ އަތޮޅެއް ކަމަށެވެ. އެހެންކަމުން ދިވެހީންގެ ރާއްޖެގެ ތަސައްވަރުގެ ތަރައްގީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގެ ދަށުގައި މުޅި މާލެ އަތޮޅަށް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ސިޓީގައިވެއެވެ.