ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް، ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާއާ ބައްދަލުކުރައްވައިފިއެވެ.
ލަންކާގެ ބޮޑުވަޒީރާ މަޖިލީހުގެ ރައީސް ބައްދަލުކުރެއްވީ އެމަނިިކުފާނު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މަޖިލީހުގެ ރައީސް ލަންކާއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަަތަކަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ.
ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އެ ޤައުމުގެ ބައެއް އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް މި ދަތުރުފުޅުގައި ވަނީ ބައްދަލުކުރައްވާފައެވެ.
އެގޮތުން ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާގެ އިތުރުން ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ވަނީ ދެ ޤައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސްރީލަންކާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުންތަކުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގެންނެވިއެވެ.