މިފަހަރު ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި އެދާއިރާގެ ދެއްވަދޫއަށް އުފަން ޝަހީދު އިބްރާހިމް ކުރިމަތިލީ އެއްވެސް އުނދަގުލަކާ ނުލައި އެދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރުމަށެވެ.
ޝަހީދު ބުނީ އޭނާއަކީ ދިވެހިންގެ ރާއްޖެއަށް ފަރިތަ ކެންޑިޑޭޓެއް ކަމަށެވެ. ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް އޭނާއަށްވުރެ އެކަމަށް ގާބިލު ކެންޑިޑޭޓެއް އެދާއިރާއަށް ކުރިމަތިލި މީހުންނާއި ބަލާއިރު ނެތް ކަމަށް އޭނާ ބުންޏެވެ.
ގެމަނަފުށީ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި މިފަހަރު 7 މީހުން ވާދަކުރާއިރު މޮޅުވުމަކީ ވަރަށް ޗެލެންޖިން ކަމަކަށް ވާނެ އެވެ.
ޝަހީދަކީ ގެމަނަފުށީ ދާއިރާގެ ޕީޕީއެމް/ޕީޕީއެމް ކޯލިޝަންގެ ރައީސެވެ. 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމާއި ހަވާލުވުމާއި ހަމައަށް އޭނާ ފާހަގަވެގެން ގޮސްފައިވަނީ ކޯލިޝަނަށް ވަފާތެރި މެމްބަރެއްގެ ގޮތުގަ އެވެ. ކޯލިޝަނުން ކުރި މުޒާހަރާތަކުގައާއި އެއްވުންތަކުގައި ޝަހީދު ފެނުނީ މުޒާހަރާތަކާއި އެއްވުންތައް ލީޑު ކުރި މެމްބަރެއްގެ ގޮތަށެވެ. އޭނާ ބުނި ގޮތުގައި މުޒާހަރާތަކާއި އެއްވުންތަކުގެ ތެރެއިން އޭނާ 30 ފަހަރަށްވުރެ ގިނަ ފަހަރު ޖަލަށް ލި އެވެ. ޖަލުގައި ގާތްގަނޑަކަށް 100 އެއްހާ ދުވަހު އޭނާ ހޭދަކުރި އެވެ.
"30 ފަހަރަށް ވުރެ ގިނަ ފަހަރު ޖަލަށްލި. 100 އެއްހާ ދުވަހު ޖަލުގައި ހޭދަކޮށްފައިވާނެ. އަޅުގަނޑަކީ ޕީޕީއެމް/ޕީއެންސީއަށް ވަފާތެރި މެމްބަރެއް." ޝަހީދު ބުންޏެވެ.
ޝަހީދު ބުނީ ގެމަނަފުށީ ދާއިރާއަށް ބޭނުންވަނީ އެދާއިރާއަށް ފަރިތަ މީހެއް ކަމަށެވެ. އޭނާ ބޭނުންވަނީ އެދާއިރާއަށް ޚިދުމަތްކޮށްދޭން ކަމަށާއި މިދިޔަ ފަސްއަހަރު އޭނާއަށް ވުރެ ބޮޑަށް ދާއިރާގެ ކޯލިޝަން މެމްބަރުންގެ އިހުސާސްތައް އެނގޭނެ ފަރާތެއް ނުހުންނާނެ ކަމަށެވެ. އަދި އޭނާއަށް ވޯޓު ދޭންވީ އޭނާއަކީ ރައީސް މުހައްމަދު މުއިއްޒުގެ ތަސައްވަރުތައް ތަންފީޒުކުރާނެވަފާތެރި ފަރާތެއްކަމަށް ވާތީ ކަމަށް ޝަހީދު ބުންޏެވެ. އަދި މިހާރު މިސަރުކާރުގެ ތިބި ވުޒާރާތަކާއި ވަރަށް ގާތްކޮށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ބުންޏެވެ.
ރައީސް މުއިއްޒުގެ ރިޔާސީ އިންތިޚާބުގެ ކެންޕެއިންގައި ވެސް ޝަހީދު ވަނީ ފެނިގެން ގޮސްފަ އެވެ. އަދި އެ ކެންޕެއިނުގައި ރާއްޖޭގެ ރަށްރަށަށް ވެސް މުއިއްޒުއާއެކު ޝަހީދު ވަނީ ގޮސްފަ އެވެ.
ޝަހީދަކީ ޕީއެންސީގެ ސެނެޓުގެ ވެސް މެމްބަރެކެވެ.
"އަޅުގަނޑު ގެމަނަފުށީ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ކިބައިން އެދެނީ އަޅުގަނޑަށް ވޯޓު ދެއްވުމަށް. ހަމަ ޔަގީނުންވެސް ދާއިރާގެ މެމްބަރުން މާޔޫސްވިޔަ އަޅުގަނޑު ނުދޭނަން. އަދިވެސް އަޅުގަނޑު މިހިރީ ދާއިރާގެ ރައްޔިތުންނާއި އެކު" ޝަހީދު ބުންޏެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެ ކޯލިޝަނުން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރެ އެވެ.