ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް މިރޭ 8 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހުގެ ޖަލްސާ މިއަދު އެޖެންޑާ ކުރީ މެންދުރުފަހު 1:30 އަށެވެ. ނަމަވެސް އެގަޑީގައި ޖަލްސާ ބޭއްވުމަށް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ވަނީ ހުރަސް އަޅައި މަޖިލީހުގެ ތަޅުމަށް ނުވަދެވޭ ގޮތް ހަދައިފަ އެވެ. ސަރުކާރު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ރައީސް ރިޔާސަތުގެ ގޮނޑީގައި އިށީދެވަޑައިގަންނަވާފަ އެވެ. އޭގެ ތެރޭގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުވެސް ހިމެނިވަޑައިގަންނަވަ އެވެ. މިއަދު ހަވީރު ވެސް އެ ޖަލްސާ ބާއްވަން މަސައްކަތް ކުރި އެވެ. ނަމަވެސް ރުހުން ދިނުމުގެ ޖަލްސާ ބޭއްވޭ ގޮތް ނުވި އެވެ.
މިއަދުގެ ހަމަނުޖެހުންތަކުގެ ތެރެއިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ވަނީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުށަހަޅާފަ އެވެ.
މިއަދު ހެނދުނު ފެށި މަޖިލީހުގެ ޖަލްސާއާއި އެކު ގިނަ މަޖިލިސް މެމްބަރުން އަދިވެސް ތިއްބެވީ މަޖިލީހުގެ އިދާރާގަ އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ. އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފަ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ބުނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ކެބިނެޓުގެ ބޭފުޅުންނަށް މަޖިލިހުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.