ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފިޔަވައި އެހެން ހުރިހާ މިނިސްޓަރުންނަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ. އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. ޑރ.ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް، 30 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓުނުދެއްވައި އަށް މެމްބަރަކު ތިއްބެވި އެވެ.
ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް 24 މެމްބަރަކު ވޯޓުދެއްވި އެވެ.
އެމްޑީޕީން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހިމެނުނު ނަމަވެސް މިއަދުގެ ޖަލްސާގައި އެދެ މިނިސްޓަރުންނަށް ވަނީ ރުހުން ދީފަ އެވެ.
ރުހުން ދިން ވަޒީރުންނާއި ވޯޓުގެ ތަފްސީލު:
- ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު: 71 ވޯޓު
- ފޮރިން މިނިސްޓަރު މޫސާ ޒަމީރު: 70 ވޯޓު
- ހޯމް މިނިސްޓަރު އަލީ އިހުސާން: 68 ވޯޓު
- ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: 70 ވޯޓު
- އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު: 57 ވޯޓު
- ހެލްތު މިނިސްޓަރް އަބްދުﷲ ޚަލީލް : 69 ވޯޓޫ
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: 37 ވޯޓު
- ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: 69 ވޯޓޫ
- ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް :58 ވޯޓު
- ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް: 69 ވޯޓު
- ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: 70 ވޯޓު
- އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް: 69 ވޯޓު
- ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު: 70 ވޯޓު
- އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ: 70 ވޯޓު
- ސްޕޯޓްސް މިނިސްޓަރު އިބްރާހީމް ވަހީދު: 68 ވޯޓް