ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާ މެދު ދެ ގައުމުގެ މެދުގައި ފަށާފައިވާ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުމަށް އިންޑިއާގެ ނިއުދިއްލީގައި މިއަދު ކުރިއަށް ގެންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާ އެކު މިދިޔަ އަހަރު ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް އެކުލަވައި ލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ބައްދަލުވުންތަކެއް ކަމުގައެވެ.
އިންޑިއާ-މޯލްޑިވްސް ހައިލެވެލް ކޯރ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މާލޭގައި ބާއްވާފައި ވަނީ ޖެނިއަރީ 14 ވަނަ ދުވަހުއެވެ.
މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެފަރާތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ އިންޑިއާއިންނާއި ރާއްޖެއިންވެސް ބުނެފައި ވެއެވެ.
އަދި ރާއްޖޭގައި ކުރިޔަަށްދާ ތަރައްގީގެ މަޝްރޫއުތައް ހަލުއިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަމަށް ވެސް ވާހަކަތަކަށްފަހު އިންޑިއާއިން ނެރުނި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިގޮތުން އިންޑިއާއިން ނެރުނު ބަޔާނުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ވާކަ ނުގެނެސް ވިދާޅުވެފައިވަނީ އިންޑިއާގެ ވައިގެ ޕްލެޓްފޯމްތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އަދި ސިއްޙީ އެހީތެރިކަން އިތުރަށް ފުރިހަމަކަށް ކުރިޔަށް ގެންދިއުމުގައި ދެފަރާތަށް އެއްބަސްވެވޭ ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައިވާ ކަމުގައެވެ.