މިހާރު ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް، މިހާރު މާރުކޭޓު ހުރި ސަރަހައްދުގައި އަޅާ އާ މާރުކޭޓު އިމާރާތާއެކީ ހައްލު ލިބިގެންދާނެ ކަމަށާއި އިމާރާތް އެޅުމުން ބޭރުމީހުންވެސް މާރުކޭޓު ގޮޅިތައް ހިފައިގެން ވިޔަފާރި ކުރަމުންދާ މައްސަލައަށްވެސް ހައްލު އަންނާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މީސްމީޑިއާ މެދުވެރިކޮށް އާންމުންނަށް ރައީސާ ސުވާލުކުރެވޭ ސިލްސިލާއެއް ކަމަށްވާ "ރައީސްގެ ޖަވާބު"ގައި، މާރުކޭޓު ވިޔަފާރިކުރާ މީހެއް ކަމަށްވާ އަބްދުﷲ އިބްރާހީމް މަނިކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުވެސް ލޯކަލް މާރުކޭޓުވެސް އެއީ އެންމެ އެކަށީގެންވާ ހާލަތެއްގައި ހުރިތަންތަން ނޫންކަމަށާއި ސަރުކާރުން މިހާރު ވަނީ މި މާރުކޭޓުތައް އިތުރަށް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލްއަށް ހުރިހާ މަގުތަކެއް ފަހިކޮށްދީފައިކަމު ގައެވެ.
އަދި ރައީސް ވިދާޅުވީ ކުރިޔަށް އޮތް ރޯދަމަސް ނިމުމުން މާރުކޭޓުގެ އާ އިމާރާތުގެ މަސައްކަތް ފެށިގެންދާނެ ކަމުގައެވެ. ރައީސް ވިދާޅުވީ މި އިމާރާތް ވެގެންވާނީ އެންމެ ޒަމާނީ ފެންވަރަށް ބިނާކުރެވޭ، ޖާގައިގެ ގޮތުންވެސް ތަނަވަސް، އަދި ބޭސްމަންޓުގައި ޕާކިންއަށްވެސް ޖާގަ ހިމެނޭގޮތަށް އަޅާ އިމާރާތަކަށް ކަމުގައެވެ.
އެހެންކަމުން މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގައި، އެ ދެ މާރުކޭޓުގެ ބަދަލުގައި އެންމެ ޒަމާނީ ފެންވަރުގެ މާރުކޭޓެއް އިމާރާތް ކުރަން ސަރުކާރުން ސިޓީކައުންސިލަށް މަގު ފަހިކޮށްދީފައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އާ މާރުކޭޓުގެ ގޮޅިތައް ވާނީ މާ ހިތްފަސޭހަ، ސާފުތާހިރު އަދި ޖާގައިގެ ގޮތުން ތަނަވަސް ގޮޅިތަކަކަށް ކަމަށެވެ. އެހެންކަމުން އެ އިމާރާތާއެކު އަބްދުﷲ އިބްހީމް މަނިކުގެ ކަންބޮޑުވުމަށް ހައްލެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.