އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސާފު މެޖޯރިޓީ މިފަހަރު ވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ނެގޭ ތަން ފެނިވަޑައިގަންނަވާ ކަމުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގަ އެވެ.
މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޯލިހް ވިދާޅުވީ ވޯޓުލުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްދާ ތަން ފެނިވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ނެގުން ކަމަށާއި، އެމަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ވޯޓުލުމުގެ ކަންކަން އަމާންކަމާ އެކީގައި ކުރިއަށް ދަނީ ޕާޓީގެ ލީޑަޝިޕްގެ ފަރާތުން ދުރާލައި ވަރަށް ރަނގަޅު އިންތިޒާމުތަކެއް ރާވާފައި ހުރުމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވި ގޮތުގައި ބައެއް ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުން މަޝްވަރާކޮށްގެން ސުލްހަވެރިކަމާ އެކީގައި މިކަން ކުރިއަށް ގެންދިއުމުގެ ސަބަބުން ވޯޓަކާ ހިސާބަށް ނުގޮސް ހައްލުތަކެއް ހޯދިފައި ހުރި ދާއިރާތައް ވެސް ހިމެނެއެވެ.
އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގެ އިންތިޒާމުތަކަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ވޯޓުލުމުގެ ކަންކަން ވަރަށް ފުރިހަމައަށް ރާވާފައިވާ ކަމަށެވެ. ވަރަށް ސުލްހަވެރިކަމާއެކު ހުރިހާ ކަމެއް ކުރިއަށްދާކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.