ރިޔާސީ ވައުދުފުޅެއްކަމަށްވާ ތ. ގުރައިދޫ އެއާޕޯޓު މަޝްރޫއު މި އަހަރުގެ ބަޖެޓުގައި ނުހިމަނާ އޮތްނަމަވެސް އެ މަޝްރޫއު ހިންގަވަން ގޮތެއް ފަހިކުރައްވާ މި އަހަރު މަސައްކަތް ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އަތޮޅު ތެރެއަށް ފެއްޓެވި ދަތުރުފުޅުގައި ތ. ގުރައިދޫއަަށް ވަޑައިގެން ވާހަކަފުޅުދައްކަވަަމުން ރައީސް ވިދާޅުވީ ގުރައިދުއަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ވަކި ތަރުތީބަކުން ރައްޔިތުން އެންމެ އިސްކަންދޭ ކަންކަމަށް ބައްލަވައިގެންކަމަށެވެ. އެގޮތުން ގުރައިދޫ ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ފަދައިން އެރަށުގެ އެއާޕޯޓު އެޅުމުގެ މަޝްރޫޢު މިއަހަރު ފެށުމަށް ނިންމަވާފައިވާކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވައިލަން ބޭނުންވާ ވާހަކައަކީ އަޅުގަނޑު ވައުދުވީ ގޮތަށް ބަޖެޓުން އަދި އެ ބޭފުޅުން މި ރަށުގެ އެއާޕޯޓު ހެދުމަށް ޖާގަ ދީފައިި ނެތްނަމަވެސް އިރާދަކުރެއްވިއްޔާ މި އަހަރު އެއާޕޯޓު މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ރައީސް ގުރައިދޫއަށް ވަޑައިގެންނެވީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެ މަނިކުފާނަށް އިންތިޚާބުގެ ވޯޓުން އެންމެ މަތީ ޕަސެންޓު ހޯދައިދިން ރަށުންކަމަށް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާތީއެވެ.
ތ. އަތޮޅުގެ މި ދަތުރުފުޅުގައި ގުރައިދޫގެ އިތުރުން އެ އަތޮޅު ދިޔަމިގިއްޔާއި ގާދިއްފުށި، ވޭމަންޑޫ، ބުރުނި، ކަނޑޫދޫ، ވަންދޫ، ވޭމަންޑޫ، އޮމަދޫ، ކިނބިދޫ އަދި ތިމަރުފުއްޓަށް ވަޑައިގަންނަވާނެ އެވެ.
ވެރިކަން ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ކަމަށާއި އާއްމުންނާ ގިނަގިނައިން ބައްދަލުކޮށް މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.