މައްސަލަ ހުށައަޅުއްވަމުން އީވާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލު ނުވެ އޮތް ބޮޑު މައްސަލައެއްކަމަށެވެ. ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ގެދޮރުވެރިޔާ ސްކީމުން 4000 ފްލެޓު ރައްޔިތުންނައް ދޫކުރެން ވެގެން ދިޔައީ އެތަށް އާއިލާ އަކަށް އުފާވެރި ހަބަރަކަމުގައެވެ. އެހެންނަމަވެސް އެ ފްލެޓު ދޫކުރުން ލަސްވެފައި ވުމުން ފްލެޓުތަކުގެ ހައްގުވެރިންނައް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އީވާ ފާހަގަ ކުރެއްވިއެވެ.
ލިބޭ އާމްދަނީގެ ބޮޑު ބައެއް ދިރިއުޅޭތަނުގެ ކުލީގެ ގޮތުގައި ހަރަދުކުރަން ޖެހޭ އެތައް ބަޔަކު އެބައުޅޭކަމަށާއި އާއިލާގެ ގިނަ މެމްބަރުން ތަކަކާއި އެކު ކުދި ކުދި ތަންކޮޅުތަކުގައި ދިރިއުޅެން ޖެހޭ އާއިލާތައްވެސް އެހާ ގިނަ ކަމަށް އީވާ ފާހަގަ ކުރެއްވިއެވެ.
ފްލެޓުތަކުގެ ޝަރުތަށް ހަމަވާ ފަރާތަކަށް އިތުރު ލަސްނުކޮށް ފްލެޓްތައް ހަވާލުކުރުމަށް އިވާ ވަނީ ގޮވާލައްވާފައެވެ.
އީވާ ހުށައެޅި މައްސަލައިގެ ބަހުސް މަޖިލީހުގައި ކުރިޔަށްދާއިރު ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރަކު މަޖިލީހުގައި ނެތުމުން ފްލެޓް ދިނުމުގައި ސަރުކާރުން ގެންގުޅޭ ނިޔަތާއި މެދު މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ.
ދަތި ހާލުގައި އާއިލާ ބިނާ ކުރަމުންދާ މީހުންގެ ތަކުލީފުތަކަށް ހައްލެއް ހޯދައި ދިނުމަށް ކުރަން އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ ޝަރުތު ހަމަވާ މީހުންނަށް ވީ އެންމެ އަވަހަކަށް ފްލެޓުތައް ދިނުމަށް އީވާ ހުށަހެޅި މައްސަލާގައި ގޮވާލާފައިވެ އެވެ.
މި މައްސަލަ ބަލައިގަތުމަށް ވޯޓުގައި ބައިވެރިވި 24 މެމްބަރުންގެ އިންތިފާގުން ވަނީ ފާސްވެފަ އެވެ.