މި ސަރުކާރުގެ ވަޒީފާތަކުގައި މީހުން ގިނަކަމަށާއި ރައީސް އޮފީހުގައި އެކަނި ވެސް ދައުލަތް ހިންގޭ ވަރަށް ވެރިން އެބަތިއްބެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ނުކުންނަ ކެންޑިޑޭޓުން ތައާރަފު ކުރުމަށް އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ މިސަރުކާރުން ސިޔާސީ މަގާމުތަކަށް މީހުން ނަގަނީ ވޯލްޑްބޭންކުން ދީފައިވާ އިރުޝަދުތަކާއި ޚިލާފަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާ ކުރުމަށް ސިޔާސީ މަގާމުތަކަށް މީހުން ލެއްވޭނެ ކަމަށާއި ނަމަވެސް އެކަން ކުރައްވަން ޖެހޭނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއިއެކު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ކޮންމެ އަހަރެއްގެ ކުރީކޮޅު ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ކަންތައްތައް ދިރާސާ ކުރާ ކަމަށާއި ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ކޮންމެހެން ދޭންޖެހޭ ފަރާތްތަކަށް ނޫނީ ސަބްސިޑީ ނުދޭން އަންގާފައިވާ ކަމަށެވެ. އަދި ރިކަރަންޓް ޚަރަދު ބޮޑުވާތީ ވަޒީފާއަށް ވައްދާފަރާތްތަކަށް ވިސްނުމަށް ވެސް އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއަށް ބެލުމެއްނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަމުންދާ ކަމަށާއި ކުންފުނިތަކުގެ ޑީއެމްޑީގެ މަގާމުގައި ވެސް އެތަށް ބަޔަކު އެބަތިއްބެވި ކަމަށް ވިދާޅުވި އެވެ.
" އަނެއްކާ މިހާރު ރައީސް އޮފީސް އެކަނި ހުރީމަ ފުދޭވަރަށް ރައީސް އޮފީހުގައި ވެރިން އެބަތިއްބެވި.ސަރުކާރުގެ އެހެން އެއްވެސް މިނިސްޓްރީއެއްގައި މީހުން ތިބެން ނުޖެހޭ ވަރަށް. ކުންފުނި ކުންފުންޏަށް ޑީއެމްޑީއަށް ވެސް ދެމީހުން ތިން މީހުން ޑަޒަނުންވެސް އެބަ ލައްވާ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ވޯލްޑްބޭންކުން ވިސްނަން ބުނި ކަންތައްތަކަށް ރިއާޔަތް ކުރާކަމަށްވާނަމަ މިހާރު ސިޔާސީ މަގާމުގައި ތިއްބެވި ފަރާތްތަކުގެ ވަޒީފާގައި މާގިނަ ދުވަހަކު ނުތިބޭނެ އެވެ. އެމަނިކުފާނު ގަބޫލު ކުރައްވާގޮތުގައި އެވަރުގެ ބުރައެއް މި ސަރުކާރުން ހިފައިގެން ނުނިކުމެވޭނެ އެވެ. އެހެންކަމުން މަޖިލިސް އިންތިޚާބު ނިމުމާއެކު ސަރުކާރު ކެންޑިޑޭޓުން ނުހޮވޭ ދާއިރާތަކަށް ދީފައިވާ ސިޔާސީ މަގާމުތަކުން ވަކިކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
" މިކަންކަމަށް ރިއާޔަތް ކުރާއިރު މާގިނަ ދިވަހަކު އެމީހުން ވަޒީފާގައި ނުތިބޭނެ. މި ރައްޔިތުންގެ އިންތިޚާބުގެ ބޭނުމަށްޓަކައި ދާއިރާތަކަށް ކުރިމަތިލެއްވި ބޭފުޅުންނަށް އެބޭޅުންނަށް ތާއީދު ކުރައްވާ އެތަށް ބޭފުޅުންނަށް އެހެރީ މަގާމުތައް ދެއްވާފައި. ދެން އެމީސްމީހުން އެ ދާއިރާތަކުން ކުރިމަތިލައްވާ ބޭފުޅުން ނުހޮވިއްޖިއްޔާ ދެން އެ މަގާމުތަކަށް އައި ނިކަމެތި ކުދިންނަށް ދެން ވެގެންދާނީ ކިހިނެތްތޯ؟ ޚަރަދު ކުޑަކުރަން ވޯލްޑް ބޭންކުން އަންގާފަ އޮތީމަ އެއަށް ތަބާވުމުގެ ގޮތުން މަޖުބޫރުވެގެން ކުރަނީތޯ ނޫނީ ވަޒީފާއިން ވަކިކުރަނީތޯ. އެއީ މިވަރުގެ ބުރައެއް ހިފައިގެން ނިކުމެވޭނެކަމަށް ގަބޫލު ނުކުރެވެނީ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުން މި ވަގުތަށް މަޑުޖައްސުވާފަ އެވެ. މި ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި258 އަށް ވުރެ ގިނަ މީހުން ވަނީ އައްޔަން ކޮށްފަ އެވެ. އަދި ވަޒީރުންގެ ފެންވަރުގައި 45 ބޭފުޅަކު އެބަތިއްބެވި އެވެ. ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުން އަދި ޑެޕިއުޓީންނަށް މުސާރަ ދިނުމަށް އަހަރެއްގެ މައްޗަށް ގާތްތަނޑަކަށް 156 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ އެވެ.