ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން މުޙައްމަދު އަމީން މައްޗަށް ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓުން ކޮށްފައިވާ 27 އަހަރު ދުވަހުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
އަމީން ޓެރަރިޒަމްގެ ކުށެއްގައި 27 އަހަރަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ.
އަމީންގެ މައްޗަށް ދައުވާ ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން އުޅުމާއި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވާ ކަމަށް ބުނެއެވެ.
ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އަމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކްރިމިނަލް ކޯޓުގެ ދެ ގަޒިއްޔާ ހައި ކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އަންގާރަ ދުވަހު ކަން ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.
އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވަނީ އަޅާފަ އެވެ.
އެމެރިކާއިން ބުނާ ގޮތުގައި ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ޓެރަރިސްޓުންގެ ލިސްޓެއް ހަދައި، އެ ލިސްޓުގައި ހިމަނާފައިވާ އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިއެސްއަށް މަސައްކަތްކޮށްދޭ މީހެއް ކަމަށެވެ. އަދި ކުރިން ސީރިއާއަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޖަމާއަތްތަކަށް އަމީން އެހީތެރިވާކަމަށް އެމެރިކާއިން ބުނެފައިވެއެވެ.