ހއ. ފިއްލަދޫ އާއި ހދ. ކުރިނބީގައި ފުލުހުންގެ ޕޯސްޓެއް ހުޅުވައިފިއެވެ.
މި ދެ ރަށުގެ ތެރެއިން ކުރިނބީ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް އަބްދުﷲ އަސްލަމެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނާ އޮފް ޕޮލިސް ދެއްކެވި ވާހަަކައިގައި، ރަށުގައި އަލަށް ތައާރަފުވެގެންދާ ކުށްތަކާއި ސައިބާ ސްކޭމްގެ މައްސަލަތަކާއި ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް އިހުމާލުވުމުން ފަދަ ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުމަށް ފުލުހުން ގާއިމުވެތިބުމުން އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު ރައީސް ފަތުހުﷲ ހަސަނެވެ.
ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކައިގައި ފިއްލަދޫއަކީ އަހުވަންތަ ކުށް މަދު އަމާން މުޖުތަމައެއްގެ ވެރި ބައެއް ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މިރަށުގައި ފުލުހުން ގާއިމުވެ ތިބޭ ހިނދު މިރަށަކީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުށްމަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުން ކުރާ ކަންކަމުގައި ބައިވެރިވެ ރައްޔިތުންގެ ކަންބޮޑުވުމަކީ ފުލުހުންގެ ވެސް ކަނބޮޑުވުމެއް ކަމުގައި ދެކިގެން ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.
ކުރިނބި އަދި ފިއްލަދޫގައި ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.