ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އަމިއްލަ މީހަކު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މައްސަލަ ހުށަހަޅާފައި ވަނީ ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެވެ.
މިމައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ހައިކޯޓުގެ އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ހައިކޯޓުގެ އަމުރާ އެއްގޮތަށް އަމަލުކޮށްފިނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބަންޑާރަނައިބް އޮފީހުން ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންވެ ހައިކޯޓުގެ އަމުރަށް އަމަލުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެއްވެސް އިދާރާއަކުން ނޭޅުމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން އިއްޔެ އަމުރުކުރިއިރު ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސަންޓް މަސައްކަތް އޮތީ ނިންމާފަ އެވެ.
މި އަމުރު ސުޕްރީމް ކޯޓުގައި ނެރުއްވީ ފަނޑިޠާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ އޮތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ.