ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ލ.މާބައިދޫ، ލަކްސްލިން، އާދަމް ޢަބްދުﷲ، ވަނީ ޑޮކްޓަރަށް ދެއްކުމުގައި ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވަން ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.
އެގޮތުން، އެޕޮއިންޓްމެންޓު ނުލިބުމާއި ޑޮކްޓަރު ވަގުތަށް ޕޭޝަންޓުން ބަލަން ނުފެށުން ފަދަ މައްސަލަތަކުގެ ސަބަބުން ދަތިތައް ކުރިމަތިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ގިނަ ޚަރަދު އަތުން ދާކަން އޭނާ ފާހަގަކުރިއެވެ.
އާދަމް ޢަބްދުﷲގެ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސިއްހީ ނިޒާމު ހަރުދަނާ ކުރުމަކީ މި ސަރުކަރުގެ އެންމެ ބޮޑު އެއް ސިޔާސަތު ކަމަށެވެ. އަދި ރާއްޖޭގައި ސްޕެޝަލިސްޓުން އިތުރުކުރަން މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަށް ރައީސް ވިދާޅުވީ، އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާ އެކީގައި ހަމަޖެހޭނެ ގޮތަކަށް ނިޒާމު ބައްޓަން ކުރަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ޑޮކްޓަރުން ވީހާވެސް ގިނަ ވަގުތު ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ގޮތަކަށް ވެސް ނިޒާމު ބައްޓަން ކުރަން މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބަދަލުތައް މުޅި ރާއްޖެއިން ފެންނާނެ ކަމަށާއި އޭރުން ޕޭޝަންޓުންނަށް ކުރިމަތިވާ މިފަދަ މައްސަލަތައް ހައްލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.