އަންހެނުންގެ ދިފާއީ ބާރު ވަރުގަދަ ކުރަން ރަނގަޅު ކެއުންތައް

އަންހެނުން ކެއުން ބައްޓަން ކުރުމުގައި ވިސްނަންޖެހޭ
އަންހެނުން ކެއުން ބައްޓަން ކުރުމުގައި ވިސްނަންޖެހޭ
ހޮނިހިރު , 02 ޖެނުއަރީ 2021 | 15:00

އަންހެނުން އުމުރުން ދުވަސްވަމުން ދިޔަ ވަރަކަށް ބަރުދަން ލުއި ކުރުމަކީ އުނދަގޫ ކަމެކޭ ގިނަ މީހުން ހިތަށް އަރައެވެ. ހާއްސަކޮށް ވިހެއުމާއި ގުޅިގެން ގިނަ މީހުން ފަލަވުމާއި، އެނޫންވެސް ސަބަބުތަކާއި ހުރެ ހަށިގަނޑު މާ ބޮޑަށް ފަލަވާން ދިމާވުމުގެ ސަބަބުން ދެން އިތުރަށް ހިކެން މަސައްކަތް ކުރެވޭތަން އޮންނަނީ ނައިސްފަ އެވެ. އުމުރުން 40 އަހަރު ނޫނީ އެއަށްވުރެއް މައްޗަށް ދިއުމުން ދެން ފަލަ ވިޔަސް އެންމެ ރަނގަޅުކަމަށް ހުންނަނީ އެވެ. އެހެންނަމަވެސް މިއީ ކުށް ހީއެކެވެ. އުމުރުން ދުވަސްވަމުން ދާ ވަރަކަށް ހަށިގަނޑު މާ ބޮޑަށް ފަލަވިޔަ ނުދީ ހިފެހެއްޓުން މާ މުހިންމެވެ. އެއީ އުމުރުން ދުވަސްވަމުންދާ ވަރަކަށް ސިއްހީ ގޮތުން މައްސަލަތައް ދިމާވާ މިންވަރުވެސް އިތުރުވާތީ އެވެ. އަދި ފަލަ މީހަކު ނަމަ ދިފާއީ ބާރު ނުވަތަ ބަލިތަކުން ރައްކާތެރި ވުމުގެ ނިޒާމު ބަލިކަށިވުން ގާތެވެ.

އަންހެނަކާއި ފިރިހެނަކު އުމުރުން ދުވަސްވަނީ ވަރަށްވެސް ތަފާތު ކޮށެވެ. އެއީ ދެ ޖިންސުގެ ހަށިގަނޑު ކުޅެދެނީ ވަރަށް ތަފާތު ދެ ރޯލު ކަމަށްވާތީ އެވެ. ވިހެއުމުގެ ސަބަބުން އަންހެނުންގެ މެޓަބޮލިޒަމް އަށް އަންނަ ބަދަލު ފިރިހެނުންނަށްވުރެއް ތަފާތެވެ. އެހެންކަމުން އުމުރުން ދުވަސްވާ ވަރަކަށް އަންހެނުން މާ ފަސޭހައިން ފަލަ ވެއެވެ. ހާއްސަކޮށް އުމުރުން ދުވަސްވަމުން ދާއިރު ނުރަނގަޅު އާދަތަކާއި ދުރުވާން އެބަ ޖެހެއެވެ. 40 އަހަރުން މައްޗަށް ދިއުމުން ސިނގިރޭޓު ބުއިމާއި، ފިޒީ ބުއިންތައް ބުއިމުގެ އިތުރުން އެނާޖީ ޑްރިންކާއި ދުރުވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި މާ ކުޅިކޮށް ކެއުމާއި ތެޔޮލީ ބާވަތްތަކާއި ވެސް މުޅިން ދުރުވުން މުހިންމެވެ.

ޗިއާ ސީޑް

40 އަހަރުން މައްޗަށް އަންހެނަކު އެރުމުން ކެއުން ވަކި ގޮތަކަށް ބައްޓަން ކުރުން ކުރިންވެސް ދެންނެވިހެން މުހިންމެވެ. އެގޮތުން ދުވަހުގެ ކެއުމުގައި ހިމެނުން އެންމެ ރަނގަޅު އެއް ބާވަތަކީ ޗިއާ ސީޑެވެ. މީގެން ލިބިދޭ ނިއުޓްރިޝަން މާއްދާތަކުގެ ތެރޭގައި ފައިބާ، އޮމެގާ 3 ފެޓީ އެސިޑްސް، މެގްނީސިއަމްގެ އިތުރުން ޕްރޮޓީން ވެސް ހިމެނެ އެވެ. މާނައަކީ ކަށިތައް ވަރުގަދަ ކޮށްދިނުމުން ފެށިގެން ވައިގެ އުނދަގުލުން ސަލާމަތް ވުމަށްވެސް ޗިއާ ސީޑް ބޭނުންތެރިކަމެވެ. ހެނދުނު ހޭލާފައި ބޯ ކޮންމެވެސް ބާވަތެއްގެ ސްމޫތީއެއް ނުވަތަ އޯޓްމީލް އަކަށް ޗިއާ ސީޑް އަޅައިގެން ދުވަހުގެ ކެއުމުގައި މި ބާވަތް ހިމެނިދާނެ އެވެ.

ހުތް މޭވާ

މޭވާއަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އަންހެނަކު ނުވަތަ ފިރިހެނަކަށްވެސް މޭވާއަކީ މުހިންމު އެއްޗެކެވެ. އެހެންނަމަވެސް ހާއްސަކޮށް އަންހެނަކު 40 އަހަރުން މައްޗަށް ދިޔުމުން ހުތް މޭވާގެ ބާވަތްތައް ކޮންމެހެން މުހިންމު ވެއެވެ. އޭގެ ތެރޭގައި އޮރެންޖު، މޭބިސްކަދުރު، ލިނބޯ ފަދަ ބާވަތްތައް ފާހަގަކޮށްލެވެ އެވެ. މީގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ހުންނަ ބޭކާރު ވިހަ ބާވަތްތަކާއި ހަނގުރާމަ ކޮށް އެތަކެތި ނައްތާލަ ދެއެވެ. އަދި ސިކުނޑީގެ ދުޅަހެޔޮ ކަމުގެ އިތުރުން ބަރުދަން އިތުރުވިޔަ ނުދީވެސް މީގެ ސަބަބުން ހިފަހައްތައި ދެއެވެ. ހަމައެއާއެކު މޭވާ އަކީ ހިތުގެ ބަލިތަކަށްވެސް ރަނގަޅު ކެއުމެކެވެ.

ބިސް

ބިހުގެ ސަބަބުން ލިބިދޭ ފައިދާތައްވެސް މަދެއް ނޫނެވެ. ދަގަނޑުގެ ބާވަތަށް ހާއްސަ ބިހަކީ ވިޓަމިން ޑީ އިން މުއްސަނދި ބާވަތެކެވެ. ބިހުގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް އެއްވަރެއްގައި ހިފަހައްޓައިދީ، ޕްރޮޓީން އިތުރުކޮށްދިނުމާއިއެކު ފެޓްސް ވެސް ހަށިގަނޑަށް ކޮންމެވެސް މިންވަރަކަށް ފޯރުކޮށްދެ އެވެ. އެހެންކަމުން ހަށިގަނޑުގައި ބުންވަރު އިތުރުކޮށްދީ ހަކަތަ ލިބިދިނުމަށް ބިހަކީ މުހިންމު ދައުރެއް އަދާ ކުރާނެ އެއްޗެކެވެ. 40 އަހަރުން މައްޗަށް ދިއުމުން އެންމެ އާންމުކޮށް މަދުވާ ހަކުރާއި، ކާބޯހައިޑްރޭޓްސް ވެސް ބޭނުންވާ މިންވަރަށް ހިފަހައްޓައިދިނުމުގައި ބިސް މުހިންމު ދައުރެއް އަދާކުރެ އެވެ.

މި ހިމަނާތި ތިން ބާވަތުގެ އިތުރުންވެސް އެކި ބާވަތްތަކުގެ ނަޓްސް އާއި ކެރެޓު، އާފަލް އަދި ޔޯގަޓަކީވެސް އަންހެނުން އުމުރުން ދުވަސްވަމުން ދިޔަ ވަރަކަށް ކެއުމުގައި ހިމެނުން މުހިންމު ބާވަތްތަކެކެވެ. އަދި ގުދުރަތީގޮތުން ތެޔޮ ހިމެނޭ މަހުގެ ބާވަތްތައްވެސް ކޮންމެވެސް ވަރަކަށް ދުވަހުގެ ކެއުމުގައި ހިމެނުން މުހިންމެވެ.