ނެޓްފްލިކްސްގައި މިދިޔަ އަހަރު ސްޓްރީމް ކުރަން ފެށި އެންތޮލޮޖީ "ގޯސްޓް ސްޓޯރީޒް" ގައި ސީންއެއް ހިމަނައި ގަވާއިދާއި ހިލާފުވި މަައްސަލައެއް ބަލަން ފަށައިފި އެވެ.
އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓްރީން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވަނީ އާ ގަވާއިދެއް ހަދައި އޯޓީޓީ ޕްލެޓްފޯމުތަކުގައި ސްޓްރީމްކުރާ ކޮންޓެންޓުތައް އުފައްދާ ފަރާތްތައް ޖަވާބުދާރީ ކުރުވަން އާ ގަވާއިދެއް އެކުލަވާލައިފަ އެވެ. އެގަވާއިދުގައި ބުނާގޮތުން ބައެއް ކަހަލަ މަންޒަރުތައް ދެއްކުން މަނާ ވާނެ އެވެ. އަދި އަނެއްބައި މަންޒަރު ދައްކާނަމަ ފިލްމު ފެށުމުގެ ކުރިން އިންޒާރުގެ މެސެޖެއް އަރުވަން ޖެހެ އެވެ.
ސްޓްރީމް ކުރާ ކޮންޓެންޓަކާއި ދެކޮޅަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް އާ ގަވާއިދުގެ ދަށުން ވަނީ ހުޅުވާލައިފަ އެވެ. ފުރަަތަމަ ފަހަރަށް މިދިޔަ އަންގާރަ ދުވަހު ވަނީ އެފަދަ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ.
މަޝްހޫރު ޑައިރެކްޓަރު އަނުރާގް ކަޝްޔަޕް ޑައިރެކްޓު ކުރި "ގޯސްޓް ސްޓޯރީޒް" ގައި ހިމެނޭ އެއް ކުރު ފިލްމާއި ދެކޮޅަށް ހުށަހެޅީ އެ އެންތޮލޮޖީގައި ސޯބިތާ ދުލިޕަލާގެ ކެރެކްޓާ ބަނޑުބޮޑު ދުވަސްވަރު ބައިގެން ދިޔަ ލޭގަނޑު މަންޒަރެއްގައި ދައްކާ މައްސަލަ އެވެ. ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެފަދަ ކަންކަން ކުރިމަތިވެފައިވާ މީހުންނަށް މިމަންޒަރު ބަލަން އުނދަގޫ ވާނެ ކަމަށާއި އޭގެ ސަބަބުން ބަޔަކަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އެންތޮލޮޖީ ފެށުމުގެ ކުރިން އެފަދަ މަންޒަރެެއް ދައްކާ ކަމުގެ އިންޒާރުވެސް އަރުވާފައެއް ނުވެ އެވެ.
މައުލޫމާތު ލިބޭގޮތުގައި އިންޑިއާގައި ހުންނަ ނެޓްފްލިކްސްގެ އޮފީހުން މިހާރު ދަނީ މިމައްސަލަ ބަލަމުންނެވެ. އަދި ފިލްމު އުފެއްދި ކުންފުނިތަކަށް އެކަން އަންގާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. "ގޯސްޓް ސްޓޯރީޒް" ގައި ދައްކާ ސޯބިތާގެ އެ މަންޒަރަކީ ވާހަކައަށް މާ މުހިންމު މަންޒަރެއް ނޫން ކަން ނެޓްފްލިކްސްގައި ވަނީ ފާހަގަކޮށްފަ އެވެ.
"ގޯސްޓް ސްޓޯރީޒް" އަކީ ނެޓްފްލިކްސްގައި ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ އެންތޮލޮޖީ އެކެވެ. އޭގެ މުހިންމު ތަރިންގެ ތެރޭގައި ޖާންވީ ކަޕޫރު، ސޯބބިތާ ދުލިޕަލާ، ސުކާންތް ގޮއެލް ހިމެނެ އެވެ. މި އެންތޮލޮޖީގައި ހިމެނެނީ ހަތަރު ކުރު ފިލްމެވެ. އެ ހަތަރު ފިލްމު ޑައިރެކްޓު ކުރީ އިންޑިއާގެ މަޝްހޫރު ހަތަރު ޑައިރެކްޓަރުންނެވެ. އެއީ ޒޯޔާ އަކްތަރު، އަނުރާގް ކަޝްޔަޕް، ދިބާކަރް ބެނާޖީގެ އިތުރުން ކަަރަން ޖޯހަރް އެވެ.