2019 ވަނަ އަހަރުގެ ކާމިޔާބު ތަމަޅަ ފިލްމު "ތަދަމް" ގެ ހިންދީ ރީމޭކެއް ހެދުމުގެ މަސައްކަތް ޓީސީރީޒްއިން ފަށައިފި އެވެ.
ބޫޝަން ކުމާރް އަދި މުރާދު ކޭތާނީ ޕްރޮޑިއުސް ކުރާ މި ފިލްމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ފިލްމުގެ ލީޑް ރޯލު އެކްޓަރު އަދިއްތިޔަ ރޯއީ ކަޕޫރަށް ހުށަހަޅައި އެރޯލު އޭނާ ގަބޫލުވެސް ކޮށްފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
"ތަދަމް" އަކީ އެކްޝަން ތްރިލާ އެކެވެ. ހިންދީ ރީމޭކަސް ކިޔާނެ ނަމެއް މިހާތަނަށް އިއުލާނެއް ނުކުރެ އެވެ. އެހެންނަމަވެސް ޑައިރެކްޓު ކުރާނީ މުޅިން އަލަށް ޑައިރެކްޝަނަށް ނިކުންނަ ވަރްދަން ކޭތުކަރް އެވެ. އަދި ޝޫޓިން ފަށަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.
މި ފިލްމުގައި އަދިއްތިޔަ ދެ ކެރެކްޓާއެއް ކުޅޭނެ އެވެ. މިފިލްމު ވެގެންދާނީ ބޫޝަން އާއި މުރާދު އެކީގައި މަސައްކަތް ކުރާ ދެވަނަ ރީމޭކަށެވެ. މިދެމީހުން މީގެ ކުރިން ވަނީ ތަމަޅަ ފިލްމު "އަރްޖުން ރެއްޑީ" ގެ ރީމޭކު "ކަބީރު ސިންގް" ވެސް އުފައްދައިފަ އެވެ. މިއީ 2019 ވަނަ އަހަރު ބޮލީވުޑްގައި ނިކުތް އެންމެ ކާމިޔާބު ފިލްމުވެސް މެއެވެ.
ޓީސީރީޒްއިން ވަނީ ބޮޑެތި ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ފަށައިފަ އެވެ. "ތަދަމް" ގެ ރީމޭކުގެ އިތުރުން ކާރްތިކް އާރްޔާން ލީޑް ރޯލުން ފެނިގެންދާ "ބޫލު ބުލައްޔާ 2" އާއި ރަންބީރު ކަޕޫރު ލީޑް ރޯލުން ފެނިގެންދާ "އެނިމަލް" ގެ މަސައްކަތްވެސް މިހާރު ވަނީ ފަށައިފަ އެވެެ.