ދެމީހަކު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ނުވަތަ ކައިވެންޏެއް ކޮށްގެން އުޅޭއިރު ބައިވެރިޔާގެ ފަރާތުން ފެންނަ ކަންކަމަކީ ވޭނަކަށް ވެގެން ހިނގައިދާނެ ވިހަ ކަމެއްކަން ދެނެގަންނަން އުނދަގޫ ވެއެވެ. ލޯބި ވެވުމުން އަނެކާގެ އާދަތަކަށް ތިމާ ހޭނި އެއާދަތަކުގެ ސަބަބުން ތިމާގެ އަމިއްލަ އާދަތައް މަތިން ހަނދާން ނެތޭ ފަހަރުވެސް ދިމާވަނީ މަދެއްކޮށެއް ނޫނެވެ.
އެހެންނަމަވެސް މިދަންނަވާ ވިހަ ސިފަތައް ނުވަތަ ޓޮކްސިކް ޓްރެއިޓްސް ތިންވަނަ މީހަކަށް ދެނެގަންނަން ފަސޭހަވެދާނެ އެވެ. އާންމުކޮށް އެންމެ ކައިރީގައި އުޅޭ ރަހުމަތްތެރިއަކަށް ނުވަތަ ދެމީހުންގެ ގުޅުން ކައިރިން ފެންނަ މީހަކަށް މިދަންނަވާ ވިހަ ސިފަތައް ދެނެގަންނަން ފަސޭހަ ވެއެވެ. އެގޮތުން މި ލިޔުމުގައި މި ހިމަނާލަނީ ރިލޭޝަންޝިޕް ތަޖުރިބާކާރުންގެ އެހީގައި ގުޅުމެއްގައި ފާހަގަކުރެވޭނެ ވިހަ ސިފަތަކުގެ ވާހަކަ އެވެ.
1- ކޮންޓްރޯލް ކުރުން
ބައިވެރިޔާ މާ ބޮޑަށް ހިފަހައްޓާނަމަ ނުވަތަ ކޮންޓްރޯލް ކުރާނަމަ އެއީ ރަތް ކާޑެކެވެ. ނުވަތަ އެއީ ވިހަ ސިފައެއްގެ ސިގްނަލެކެވެ. ބައިވެރިޔާ ވާން ވާނީ ތިމާގެ ކުރިއެރުމަށް ނުވަތަ ތަރައްގީއަށް އޮތް ފަހި މަގަކަށެވެ. އޭގެ ބަދަލުގައި ތިމާ ފަހަތަށް ޖައްސަން ބައިވެރިޔާ މަސައްކަތް ކުރާނަމަ ނުވަތަ ކުރެވޭނަމަ އެއީ ރަނގަޅު ގުޅުމެއް ނޫނެވެ. ހާއްސަކޮށް ގުޅުން ހަރުދަނާކޮށް ކުރިއަށް ގެންދިޔުމުގައި އަދި ނަފްސާނީ ގޮތުން ރަނގަޅު ހިސާބެއްގައި ތިމާ ހުރުމަށް ބޭނުންވާ ވަގުތާއި ތަން ބައިވެރިޔާގެ ފަރާތުން ލިބުން ވަރަށް މުހިންމެވެ. މީހާ ރަނގަޅު ހާލަތެއްގައި ހުރެގެން ނޫނީ އެއްވެސް ގުޅުމެއްގެ ހާލަތު ރަނގަޅު ނުކުރެވޭނެ އެވެ.
2- އެކަހެރިކުރުން
އާއިލާ ނުވަތަ ރަހުމަތްތެރިންނާއި އެކަހެރިވާން ބައިވެރިޔާ އެދޭނަމަ ނުވަތަ އެހެން ކަންކުރަން މަޖުބޫރު ކުރާނަމަ އެއީ ޔަގީނުންވެސް ވިހަ ސިފަ އެކެވެ. ދިރިއުޅުމުގައި ތިމާއަށް އެންމެ މުހިންމު ކަމަކީ ބައިވެރިޔާކަމަށް ވެދާނެ އެވެ. އެހެންނަމަވެސް މުޅި ދިރިއުޅުމަކީ ބައިވެރިޔާކަމަށް ވެގެން ނުވާނެ އެވެ. ތިމާގެ ދިރިއުޅުމުގެ ވަށައިގެން ހިނގާ އެހެނިހެން ކަންކަން ހާއްސަކޮށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ އެހެން ކަންކަމުން އެކަހެރިކުރާނަމަ އެއީ ފެހި ސިގްނަަލެއް ނޫނެވެ. އެފަދަ ގުޅުމެއް ދެމެހެއްޓެނިވި އަދި ދުޅަހެޔޮކޮށް ކުރިއަށް ގެންދަން އުނދަގޫވާނެ އެވެ.
3- އިހުތިރާމް ނުކުރުން
ދެމީހެއްގެ ގުޅުން ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެކަކު އަނެކަކަށް އިހުތިރާމް ކުރުން ވަރަށް މުހިންމެވެ. ގުޅުމެއްގައި އަޑިގުޑަންތައް އަންނާނެ އެވެ. އަންނަ އަޑިތަކުގައި ބައިވެރިޔާ ކަން ކުރާ ގޮތަކީ ގުޅުމުގެ ވަރުގަދަކަން ރަމްޒުކޮށްދޭ ސިފައެކެވެ. އަދި ހާލަތެކެވެ. ދެމީހެއްގެ ދެމެދުގައި އިހުތިރާމު ކުރުމުގެ ސިފަ ގެއްލޭ ހިސާބުން އެ ގުޅުން ދެމިއެއް ނޯންނާނެ އެވެ. އޮންނަނަމަވެސް އެގުޅުން ތިމާގެ ދިރިއުޅުން ބަނަ ކޮށްލާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ ލޯބިވިޔަސް އިހުތިރާމް ނުކުރާނަމަ އެފަދަ ގުޅުމަކާއި ދުރަށް ދިޔުމެވެ.
4- ދޮގުހެދުން
ދޮގުހެދުމަކީ އިތުބާރު ގެއްލޭ ކަމެކެވެ. އެއީ ރަހުމަތްތެރިންވިޔަސް އާއިލާ ވިޔަސް އަދި ބައިވެރިޔާ ވިޔަސްވެސް މެއެވެ. އިތުބާރާއި ނުލައި ގުޅުމެއް ދެމިއެއް ނޯންނާނެ އެވެ. އެހެންކަމުން ދެމީހެއްގެ ގުޅުން ދެމެހެއްޓުމަށް އެކަކު އަނެކަކަށް ތެދުވެރިވުން ވަރަށް މުހިންމެވެ. އެއީ ކޮންމެ ފަދަ ހާލަތެއް މެދުވެރިވިނަމަވެސް މެއެވެ. ތަކުރާރުކޮށް ބައިވެރިޔާ ދޮގުހަދާކަން ފާހަގަ ކުރެވޭނަމަ، އެއީ ކިތަންމެ ކުޑަ ކަމެއްގައިނަމަވެސް އެއީ ރަނގަޅު ސިފައެއް ނޫންކަމަށް ނިންމާށެވެ. އެއްވެސް މިންވަރަކަށް ދޮގު ހަދަން ދޫކޮށް ނުލާށެވެ.
5- ވާދަވެރިކަން
ބައިވެރިޔާއަކީ ތިމާއާއި ވާދަކުރާ މީހަކަށް ވެގެން ނުވާނެ އެވެ. ތިމާއަށް ލިބޭ ކުރިއެރުމެއްގައި ބައިވެރިވާ މީހަކަށް ބައިވެރިޔާ ވުން ވަރަށް މުހިންމެވެ. އެގޮތަށް ކާމިޔާބު ލިބޭ ދަނޑިވަޅަކީ ބައިވެރިޔާ އެންމެ ބޭނުންވާ ގޮތަށް އޭނާގެ ދިރިއުޅުން ކުރިއަށް ނުދާ ދަނޑިވަޅެއްކަމުގައި ވީނަމަވެސް ތިމާގެ އުފަލެއްގައި ބައިވެރިވުން ވަރަށް މުހިންމުވެ އެވެ. އޭގެ ބަދަލުގައި ތިމާއަށް ކުރިއެރުމެއް ލިބުމުން އެއާ ވިއްދައި އެއަށްވުރެއް ބޮޑު ކުރިއެރުމެއް ހޯދަން ވާދަވެރިވާނަމަ އެއީ އެންމެ ރަނގަޅު ބައިވެރިޔާ ކަމުގައި ނުވުން ވަރަށް ގާތެވެ. ދެމީހުންވެސް އެކަކު އަނެކެއްގެ ކުރިއެރުމަށް އުފާ ކުރަންވާނެ އެވެ.
ދެމީހެއްގެ ގުޅުން ދެމެހެއްޓޭނީ މިކިޔައިދިން ކަންކަމަށް ވިސްނައިގެންނެވެ. ވިހަ ސިފައެއް އެކެއްގެ ފަރާތުން ފާހަގަވުމުން އެކަމެއް ރަނގަޅުކުރަން ދެމީހުން ވާހަކަ ދެއްކިދާނެ އެވެ. ކިޔައިދެވިދާނެ އެވެ. އެއާއެކުވެސް އެ ސިފަތައް ތަކުރާރު ކުރާނަމަ ގުޅުން ނިމުމަކަށް ގެނައުން ވަރަށް މުހިންމެވެ. ބައެއް ފަހަރު ދިރިއުޅެން ހަމައެކަނި ލޯތްބަކުން ނުފުދެ އެވެ. އެއީ ދެމީހަކު އެކީގައި މުޅި ދިރިއުޅުން ވޭތުކުރާއިރު ވިސްނަންޖެހޭ އަދި ކުރަންޖެހޭ މުހިންމު އެތައް ކަމެއް ހުންނާނެތީ އެވެ.