ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އުފައްދާ ސްޕައި ފިލްމު "ޕަތާން" ގައި ފިލްމުގެ ލީޑް ރޯލު ކުޅޭ ބަތަލާ ދިޕިކާ ޕަދުކޯންގެ އެކްޝަން ސީންއެއް ޝޫޓު ކުރަމުން އެބަ ދެ އެވެ.
ދިޕިކާގެ އިތުރުން ޝާހުރުކް ހާން ލީޑް ރޯލުން ފެންނަ އެ ފިލްމުގައި ހިމެނޭ ދިޕިކާގެ އެކްޝަން ސީކުއެއްސް އިއްޔެ ޝޫޓު ކުރަން ފަށާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ޝޫޓިންތައް ކުރިއަށް ދަނީ އިންޑިއާގެ މުމްބާއީގަ އެވެ.
މީގެ ކުރިންވެސް ދިޕިކާ ވަނީ އެކްޝަން ސީންތަކެއް ކުޅެފަ އެވެ. އެއީ ހޮލީވުޑް ފިލްމު "އެކްސް އެކްސް އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" އަށެވެ.
"ޕަތާން" އަކީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެކްޓަރު ޝާހު ކުޅޭ ފުރަތަމަ ފިލްމެވެ. ޝާހުގެ ފިލްމެއް އެންމެ ފަހުން ރިލީޒްވީ 2018 ވަނަ އަހަރު އެވެ. އެއީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން އުފެއްދި "ޒީރޯ" އެވެ.
އަނެއްކޮޅުން ޝާހުއާއި ދިޕިކާ ސްކްރީނުން އެކީގައިވެސް މިފެންނަނީ ގިނަ ދުވަސްތަކަކަށްފަހު އެވެ. މީގެ ކުރިން ތިން ފިލްމަކުން މި ދެތަރިން އެކީގައި ފެނިގެން ދިޔަ އެވެ. ތިން ފިލްމަކީވެސް ބޮކްސް އޮފީހުގައި ކާމިޔާބު ތިން ފިލްމެވެ. އެއީ "އޯމް ޝާންތި އޯމް"، "ޗެއްނައި އެކްސްޕްރެސް" ގެ އިތުރުން "ހެޕީ ނިއު ޔާ" އެވެ.
"ޕަތާން" ގައި ދިޕިކާ އަދި ޝާހުގެ އިތުރުން މުހިންމު ރޯލަކުން "ޖޯން އަބްރަހަމް" ވެސް ފެންނާނެ އެވެ. މީގެ އިތުރުން ވައިއާރުއެފްގެ ފްރެންޗައިޒް "ޓައިގާ" ގައި ސަލްމާން ހާން ކުޅޭ ރޯލުގެ ސްޕެޝަލް އެޕިއަރެންސެއް "ޕަތާން" ގައި ހިމެނޭނެ އެވެ.