ބަތަލާ ކެޓްރީނާ ކެއިފްގެ މުޅި ފިލްމީ ކެރިއަރުގައިވެސް އޭނާ ކުޅޭ އެންމެ ބޮޑު މަންޒަރު "ޓައިގާ 3" ގައި ހިމެނޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
މިދިޔަ 20 ވަރަކަށް އަހަރު ކެޓްރީނާ ބޮލީވުޑްގައި ހަރަކާތްތެރިވަމުން ދިޔައިރު މިހާތަނަށް އޭނާ ކުޅުނު އެންމެ ބޮޑު އެކްޝަން ސީން ހިމެނުނީ "ޓައިގާ ޒިންދާ ހޭ" ގަ އެވެ. ބޮޑެތި ސްޓަންޓުތަކަކާއިއެކު ކެޓްރީނާ ފެނުނު އެ މަންޒަރަކީ އިންޑިއާގެ ސިނަމާގެ ތާރީހުގައިވެސް އަންހެނަކު ކުޅުނު އެންމެ ވަރުގަދަ އެކްޝަން ސީން އެވެ.
ޒޯޔާގެ ކެރެކްޓާއިން ކެޓްރީނާ އަނެއްކާޥެސް "ޓައިގާ 3" ގައި ފެންނާނެ އެވެ. މިފިލްމަށް ކެޓްރީނާ ވަނީ ހާއްސަ ޓްރެއިނިންގްތަކެއްވެސް ހަދައިފަ އެވެ. ބުނެވޭ ގޮތުގައި މިފިލްމުގައި އޭނާގެ އެކްޝަން ސީންތައް ގިނަ ވާނެ އެވެ. އެހެންނަމަވެސް ގިނަ ސީންތަކުގައި ފެންނާނީ އެކްޓަރު ސަލްމާން ހާންއާއިއެކު އެވެ.
"ޓައިގާ 3" ގައި ހިމެނޭ ބައެއް ސީން ތަކުގައި ފިލްމުގެ ނެގެޓިވް ރޯލު ކުޅޭ އިމްރާން ހާޝްމީ އާއިއެކުވެސް ކެޓްރީނާގެ އެކްޝަން ސީންތަކެއް ހިމެނޭނެ އެވެ.
ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިންތައް މިހާރުވެސް ދަނީ ކުރިއަށެވެ. އެއީ މުމްބާއީގައި ނަގާ މަންޒަރުތަކެވެ. އަންނަ އޯގަސްޓު މަހުގެ ތެރޭގައި ދެވަނަ ޝެޑިއުލް ފަށާނެ އެވެ. އެ ޝެޑިއުލްގައި ދުނިޔޭގެ ފަސް ގައުމަކަށް ދަތުރު ކުރާނެ އެވެ.
"ޓައިގާ 3" އަކީ ޔަޝް ރާޖް ފިލްމްސްއިން މިހާތަނަށް އުފައްދާ އެންމެ ބޮޑު ފިލްމަށް ވާނެ ކަމަށް ބެލެވޭއިރު އެފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައިވަނީ އަންނަ 2022 ވަނަ އަހަރަށެވެ.