ސަންޖޭގެ ދަރި ޝަނާޔާގެ ފުރަތަމަ ބޮލީވުޑް ފިލްމު ދަރްމާ އާއިއެކު

ޝަނާޔާ އޭނާގެ ބައްޕަ ސަންޖޭ އާއިއެކު
ޝަނާޔާ އޭނާގެ ބައްޕަ ސަންޖޭ އާއިއެކު
ބުރާސްފަތި , 25 މާރޗް 2021 | 09:58

ބޮލީވުޑް އެކްޓަރު ސަންޖޭ ކަޕޫރާއި މަހީޕް ކަޕޫރުގެ އަންހެން ދަރި ޝަނާޔާ ކަޕޫރުގެ ފުރަތަމަ ފިލްމު ދަރްމާ ޕްރޮޑަކްޝަންއާއިއެކު ފަށަން ތައްޔާރުވެއްޖެ އެވެ.

ޝަނާޔާ ބޮލީވުޑަށް ތައާރަފު ކުރަނީ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ އޭޖެންސީ ދަރްމާ ކޯނާސްޓޯން އޭޖެންސީ އިންނެވެ. އޭނާ ޓްރެއިން ކުރުމުގެ މަސައްކަތް އެ އޭޖެންސީއިން ކުރަމުން އަންނައިރު ދަރްމާ ޕްރޮޑަކްޝަންގެ ފިލްމަކުން ޝަނާޔާ ވަރަށް އަވަހަށް ފެންނާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ކަރަންވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ. ޝަނާޔާ އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާގެ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

ޝަނާޔާގެ ފުރަތަމަ ފިލްމާއި ގުޅޭގޮތުން ބައްޕަ ސަންޖޭ ބުނީ ދަރްމާއަށްވުރެއް ރަނގަޅަށް ޝަނާޔާ ތައާރަފު ކުރެވޭނެ އިތުރު ޕްރޮޑަކްޝަން ހައުސްއެއް ނުހުންނާނެ ކަމަށެވެ. މީގެ އިތުރުން ޝަނާޔާގެ ކުރިއެރުމުގައި ސަންޖޭގެ އެއްވެސް އަތެއް ނެތް ކަމަށާއި ފުރަތަމަ ފިލްމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރީ ހުދު ޝަނާޔާ ކަމަށް ސަންޖޭ ބުންޏެވެ.

ޝަނާޔާ ވަނީ މީގެ ކުރިން ދަރްމާގެ ބައެއް މަސައްކަތްތަކުގައި ކެމެރާގެ ފަހަތުގައި ހަރަކާތްތެރި ވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ރިލީޒް ކުރި ޖާންވީ ކަޕޫރުގެ "ގުންޖަން ސަކްސޭނާ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ޝަނާޔާ ހަރަކާތްތެރި ވިއެވެ.

ކަރަން އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ވަރުގަދަ ޕްރޮޑިއުސަރެވެ. ބޮލީވުޑްގެ އިތުރުން ޓޮލީވުޑްގެ ބައެއް ފިލްމުތައްވެސް ކަރަން ދަނީ ޕްރޮޑިއުސް ކުރަމުންނެވެ. ކަރަން މިހާރު އަންނަނީ އާ ތަރިން ދާއިރާއަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުރިން ގިނަ ފިލްމުތަކެއްގެ ޑައިރެކްޝަންގެ މަސައްކަތްވެސް ކޮށްފައިވާ ކަރަން މިހާރު ބޮޑު އިސްކަމެއް ދެނީ ޕްރޮޑަކްޝަންގެ ދާއިރާއިންނެވެ. އެހެންނަމަވެސް އޭނާ ޑައިރެކްޓު ކުރާ "ތަހްތު" ފިލްމަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. މި ފިލްމަކީ ދަރްމާއިން މިހާތަނަށް އުފައްދާ އެންމެ ބޮޑު އެއް ފިލްމަށްވެސް ވާނެ އެވެ. ކަރަން އެންމެ ފަހުން ޑައިރެކްޓު ކުރީ ރަންބީރު ކަޕޫރު، އަނުޝްކާ ޝަރުމާ، އައިޝްވާރިޔާ ރާއީ އަދި ފަވާދު ހާލް މުހިންމު ރޯލުތަކުން ފެނުނު "އޭ ދިލްހެ މުޝްކިލް" އެވެ.