ރަންބީރުގެ އެނިމަލް އޮކްޓޯބަރުގައި ފަށަނީ

ސަންދީޕް ރެއްޑީ ވާންގާ ޑައިރެކްޓު ކޮށް ރަންބީރު ކަޕޫރު ލީޑް ރޯލުން ފެންނަ "އެނިމަލް" ގެ ޝޫޓިން މިއަހަރުގެ އޮކްޓޯބަރު މަހު ފަށަން ތާވަލުކޮށްފި އެވެ.
އެފިލްމު ޕްރޮޑިއުސް ކުރާ ޓީޒީރީޒްގެ ބޫޝަން ކުމާރު ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ބުނީ ޓީސީރީޒްއިން ޕްރޮޑިއުސްކުރާ އިތުރު ފިލްމެއްގެ މަސައްކަތް ރަންބީރު މިހާރު ކުރަމުން އަންނަ ކަމަށެވެ. ލަވް ރާންޖަން ޑައިރެކްޓު ކުރާ އެފިލްމުގައި ރަންބީރުގެ އިތުރުން އުޅެނީ ޝްރައްދާ ކަޕޫރް އެވެ. އެފިލްމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ނުނިމި އޮތް ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބޫޝަން ބުންޏެވެ.
ލަވްގެ ފިލްމު ރަންބީރު ނިންމައިލުމާއިއެކު ދެން ފަށާނި "އެނިމަލް" ގެ މަސައްކަތް ކަމަށް ބޫޝަން ބުންޏެވެ. މިއީ "ކަބީރު ސިންގް" ގެ ޑައިރެކްޓަރު ސަންދީޕް އާއިއެކު ރަންބީރު މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ.
ރަންބީރު އެންމެ ފަހުން ފެނުނީ މީގެ 3 އަހަރު ކުރިން ފިލްމު "ސަންޖޫ" އިންނެވެ. އޭގެ ފަހުން ރަންބީރުގެ ފިލްމެއް ރިލީޒްވެފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ މިހާރު ގެންދަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލޯބިވެރިޔާ އާލިއާ ބަޓް އާއިއެކު ރަންބީރު ފެންނަ "ބްރައްމާސްތްރަ" ގެ މަސައްކަތް މިހާރު ވަނީ މުޅިންހެން ނިމިފަ އެވެ.
ރަންބީރު ލީޑް ރޯލުން ފެންނަ "އެނިމަލް" ގެ އިތުރު ތަރިންގެ ތެރޭގައި އަނިލް ކަޕޫރު، ބޮބީ ޑިއޯލް އަދި ޕަރިނީތީ ޗޯޕްރާ ހިމެނެ އެވެ. މިއީ ގޭންގްސްޓާ ޑްރާމާ އެކެވެ. މި ޖޯންރާގެ ފިލްމެއް ރަންބީރު ކުޅޭނެ މިފީ ފުރަތަމަ ފަހަރެވެ.
ޝްރައްދާ އާއިއެކު ރަންބީރު ފެންނަ ފިލްމުގެ ބޮޑު ބައެއް ދިއްލީގައި ޝޫޓު ކުރިނަމަވެސް އެފިލްމުގެ ނަން އަދި ނުނިންމަ އެވެ. ފިލްމު ރިލީޒްވާނެ ތާރީހެއްވެސް އަދި އިއުލާން ނުކުރެ އެވެ.