ބަންސާލީއާއި ދީޕިކާ އާއި ދެމެދު ފިނި ހަނގުރާމައެއް

ބަންސާލީ، ދިޕިކާ އަދި ރަންވީރު
ބަންސާލީ، ދިޕިކާ އަދި ރަންވީރު
އާދިއްތަ , 28 މާރޗް 2021 | 11:12

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ އާއި ބަތަލާ ދިޕިކާ ޕަދުކޯން އާއި ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދި ދެމީހުން އެކުގައި މަސައްކަތް ކުރަން ދެކޮޅު ހަދައިފި އެވެ.

ބަންސާލީގެ ތިން ފިލްމެއްގައި މީގެ ކުދިން ދިޕިކާ ވަނީ މަސައްކަތް ކޮށްފަ އެވެ. "ރާމް ލީލާ"، "ބާޖީރާއޯ މަސްތާނީ" އަދި "ޕަދްމާވަތު" މި ތިން ފިލްމަކީވެސް ބޮލީވުޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ތިން ފިލްމެވެ. ބަންސާލީއާއިއެކު ތިން ފިލްމެއްގައި މަސައްކަތް ކުރަން ދިޕިކާ އޭރު ސޮއިކުރުމަށްފަހު އެގްރީމެންޓު ހަމަވުމުން އިތުރު މަސައްކަތްތަކެއްވެސް ދިޕިކާއަށް ބަންސާލީ ހުށަހެޅި އެވެ.

މިހާރު ފަހު ޝޫޓިންތައް ކުރިއަށް ގެންދާ "ގަންގޫބާއީ ކަތިއަވަޑީ" ގެ ލީޑް ރޯލު އެންމެ ފުރަތަމަ ހުށަހެޅީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަށެވެ. އެހެންނަމަވެސް ހޮލީވުޑް މަސައްކަތްތަކުގެ ސަބަބުން ވަގުތު ދެވެން ނެތުމުން ޕްރިޔަންކާ އެ ފިލްމު ދޫކޮށްލީ އެވެ. އޭގެ ފަހުން ލިސްޓުގައި އިނީ ދިޕިކާ އެވެ. އޭރު ބެލެވިފައި އޮތީ ގަންގޫބާއީގެ ރޯލުން ދިޕިކާ ފެންނާނެ ކަމަށެވެ.

އޭރު ބަންސާލީގެ އިތުރު ފިލްމެއްގެ މަސައްކަތްތައް ފެށުމަށްވެސް ދިޔައީ ވާހަކަ ދެކެވެމުންނެވެ. ބަތަލާ އާލިއާ ބަޓް އަދި ސަލްމާން ހާން އާއިއެކު ބަންސާލީ މަސައްކަތް ކުރަން ހަމަޖެހުނު "އިންޝާﷲ" ގެ މަސައްކަތް ގިނަ ކަންތައްތަކެއް ކުރިމަތިވެ ފަސްކުރަން ޖެހުނެވެ. ގަންގޫބާއީގެ ކުރިން އެ ފިލްމުގެ މަސައްކަތް ކުރަން ބަންސާލީ ބޭނުންވީ ޖެހިޖެހިގެން ދިޕިކާ އަދި ރަންވީރު ސިންގް އާއިއެކު ފިލްމުތަކެއް ރިލީޒް ކުރުމުގެ ސަބަބުން ބެލުންތެރިންނަށް އާ މޫނެއް ބަންސާލީގެ ފިލްމަކުން ނުފެންނާތީ ކަމަށް ބުނެ އެވެ.

އެހެންނަމަވެސް "އިންޝާﷲ" ގެ މަސައްކަތްތައް ފަސްކުރަން ޖެހުމާއިއެކު "ގަންގޫބާއީ ކަތިއަވަޑީ" ގެ މަސައްކަތް ބަންސާލީ ކުރިއަށް ޖައްސައިލި އެވެ. މަސައްކަތްތައް ފެށުމާއިއެކު ބަތަލާގެ ރޯލު އާލިއާއަށް ހުށަހެޅި އެވެ. ދިޕިކާ އެންމެ ފުރަތަމަ ހިތްހަމަ ނުޖެހުނީ މިމައްސަލައިގަ އެވެ. އޭގެ ފަހުން ގަންގޫބާއީގެ ޝޫޓިންގެ ތެރެއިން އެ ފިލްމުގެ އައިޓަމް ލަވައެއް ދިޕިކާއަށް ހުށަހެޅި އެވެ. އެފިލްމުގައި އެއްވެސް މިންވަރަކަށް ހިއްސާވާން ދިޕިކާ ބޭނުން ނުވެ ހުށަހެޅުމަށް ނޫނެކޭ ބުންޏެވެ.

އޭގެ ފަހުން ބަންސާލީގެ އެންމެ ފުރަތަމަ ވެބް ސީރީޒް "ހީރާ މަންޑީ" ގެ މަސައްކަތްވެސް ފެށި އެވެ. 12 ބަތަލާއިން މި ސީރީޒްއިން ފެންނައިރު އެންމެ މުހިންމު ރޯލު ހުށަހެޅީ ދިޕިކާ އަށެވެ. އޭގެ ފަހުން ސީރީޒްގެ މުހިންމު ރޯލެއް އާލިއާ އަށްވެސް ހުށަހެޅި އެވެ. މިއާއިއެކު ދިޕިކާ ސީރީޒް ދޫކޮށްލަން ނިންމީ އެވެ.

ބަންސާލީ މީގެ އަހަރުތަކެއް ކުރިން ސްކްރިޕްޓު ކުރި "ބައިޖޫ ބާވްރާ" ގެ މަސައްކަތްވެސް ފަށަން ދިޔައީ ތައްޔާރުވަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި މިފިލްމުގެ ކާސްޓުންގެ ނަންތަކެއް މީޑިއާއަށް ތިލަވި އެވެ. އޭރު ވާހަކަ ދެކެވުނު ގޮތުންނަމަ މުހިންމު ރޯލުތަކުން ފެންނާނީ އާލިއާ، ދިޕިކާގެ އިތުރުން ރަންބީރު ކަޕޫރެވެ. އެހެންނަމަވެސް މިހާރު އުފެދިފައިވާ ކޯޅުންގަނޑުގެ ސަބަބުން ދިޕިކާ މި ފިލްމު ގަބޫލު ކުރާނެ ކަމާއިމެދު ވަނީ ޝައްކު އުފެދިފަ އެވެ.

ބޮލީވުޑް ހަބަރުތައް ގެނަސްދޭ މީޑިއާތަކުން ބުނާ ގޮތުގައި ގަންގޫބާއީގެ މަސައްކަތްތައް ނިމުމުން ބަންސާލީ ދިޕިކާއާއި ވާހަކަ ދައްކައި މައްސަލަތައް ހައްލު ކުރާނެ އެވެ. ދިޕިކާ އަކީ ބަންސާލީގެ އެންމެ ގާތް އާއިލާ ކަހަލަ މީހެކެވެ.

"ގަންގޫބާއީ ކަތިއަވަޑީ" ގައި ދިޕިކާ ކުޅެން ހަމަޖެހުނު އައިޓަމް ލަވައިން މިހާރު ފެންނާނީ ހުމާ ގުރައިޝީ އެވެ. އެ ފިލްމުގެ ފަހު މަސައްކަތްތައް މިހާރު ކުރިއަށް ދާއިރު ފިލްމު ރިލީޒް ކުރާނީ މިއަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ. ފިލްމު ޓްރެއިލާ މިހާރު ވަނީ ދައްކާލައިފަ އެވެ. ގަންގޫބާއީގެ ރޯލުން އާލިއާ ފެންނާތީ ގިނަ ބައެއްގެ ކަޅި އެކަމަށް ހުއްޓުނެވެ. އެއީ މީގެ ކުރިން އާލިއާ ފެނުނު ރޯލުތަކާއި މި ރޯލު ތަފާތު ކަމުން އާލިއާއަށް އެވަރުގެ އެކްޓިންއެއް ނުދެއްކިދާނެތީ އެވެ. އެހެންނަމަވެސް އާލިއާގެ އެކްޓިންއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ގަންގޫބާއީގެ އިތުރު ކާސްޓުންގެ ތެރޭގައި އިމްރާން ހާޝްމީ، އަޖޭ ދޭވްގަން އަދި ޝާންތަނޫ ހިމެނެ އެވެ.