ރެޑް ޗިލީޒްގެ ފްރެއްޑީ ގައި ކާރްތިކް އާއި ކެޓްރީނާ

ކެޓްރީނާ ކެއިފް އަދި ކާރްތިކް އާރްޔާން
ކެޓްރީނާ ކެއިފް އަދި ކާރްތިކް އާރްޔާން
ބުރާސްފަތި , 01 އޭޕްރިލް 2021 | 09:39

ޝާހުރުކް ހާންގެ ޕްރޮޑަކްޝަން ހައުސް، ރެޑް ޗިލީޒް އެންޓަޓެއިންމެންޓުން އުފައްދާ "ފްރެއްޑީ" ގެ ލީޑް ރޯލު އެކްޓަރު ކާރްތިކް އާރްޔާން އަދި ބަތަލާ ކެޓްރީނާ ކެއިފް އަށް ހުށަހަޅައިފި އެވެ.

މިކަން ރަސްމީކޮށް އިއުލާން ކޮށްފައި ނުވިނަމަވެސް ބޮލީވުޑް ހަބަރުތައް ބުނާ ގޮތުން ކާރްތިކް ވަނީ މިހާރު ފިލްމަށް އާނއެކޭވެސް ބުނެފަ އެވެ. ކެޓްރީނާގެ ޖަވާބެއް އަދި ނުލިބޭ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ރެޑް ޒިލީޒްގެ ޕްރޮޑަކްޝަން "ޒީރޯ" އިން ކެޓްރީނާ އެންމެ ފަހުން ފެނިގެން ދިޔައީ ޝާހުއާއި އެކު އެވެ. އެފިލްމަކީ ކެޓްރީނާގެ މޮޅު އެކްޓިންއެއް ފެނިގެންދިޔަ ފިލްމެކެވެ. ފިލްމު މާ ކާމިޔާބު ނޫން ނަމަވެސް ކެޓްރީނާގެ އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.

މީގެ ކުރިން ކާރްތިކްވެސް ކެޓްރީނާއާއިއެކު ސްކްރީނުން ފެނިގެން ގޮސްފައެއް ނުވެ އެވެ. އެހެންނަމަވެސް ކެޓްރީނާއާއިއެކު މަސައްކަތް ކުރަން ބޭނުންވާކަމަށް މީޑިއާގައި ކާރްތިކް ވަނީ ބުނެފަ އެވެ.

މިވަގުތު ބޮޑުތި ފިލްމުތަކަކަށް ސޮއިކުރަމުންދާ ކާރްތިކް އެންމެ އަވަހަށް ފެންނާނެކަމަށް ބެލެވެނީ "ދަމާކާ" އިންނެވެ. އެފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ. އެހެންނަމަވެސް "ދަމާކާ" ރިލީޒް ކުރާނީ ސްޓްރީމިން ޕްލެޓްފޯމެއް ކަމުގައިވާ "ނެޓްފްލިކްސް" ގަ އެވެ. މީގެ އިތުރުން ކާރްތިކްގެ ދެ ފިލްމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަ ދެ އެވެ. އެއީ "ބޫލު ބުލައްޔާ 2" ގެ އިތުރުން "ދޯސްތާނާ 2" ގެ އެވެ.

އަނެއްކޮޅުން ކެޓްރީނާ އެންމެ އަވަހަށް ދެން ފެންނާނީ ރޯހިތު ޝެއްޓީގެ ފިލްމު "ސޫރްޔަވަންޝީ" އިން އަކްޝޭ ކުމާރް އާއިއެކު އެވެ. އޭގެ ފަހުން "ފޯން ބޫތު" އަދި "ޓައިގާ 3" އިންވެސް އޭނާ ފެންނާނެ އެވެ.