ޗާލްބާޒް އިން ލަންޑަންގައި ޝްރައްދާގެ ޑަބަލް ރޯލު

ޝްރައްދާ ކަޕޫރު
ޝްރައްދާ ކަޕޫރު
ހޯމަ , 05 އޭޕްރިލް 2021 | 11:23

ޓީ-ސީރީޒް އާއި ޕޭޕާ ޑޯލް އެންޓަޓެއިންމެންޓުން އުފައްދާ ފިލްމު "ޗާލްބާޒް އިން ލަންޑަން" ގައި ބަތަލާ ޝްރައްދާ ކަޕޫރު ފެނިގެންދާނީ ޑަބަލް ރޯލުންކަމަށް ހާމަކޮށްފި އެވެ.

މިއީ ޝްރައްދާ ޑަބަލް ރޯލަކުން ފެންނަ ފުރަތަމަ ފަހަރެވެ. މިފިލްމު ޑައިރެކްޓު ކުރާނީ 1989 ވަނަ އަހަރު ސްރީދޭވީ ލީޑްރޯލުން ފެނުނު ކާމިޔާބު ފިލްމު "ޗާލްބާޒް" ގެ ޑައިރެކްޓަރު ޕަންކަޖް ޕްރަކާޝް އެވެ.

މިއީ ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމާއި ގުޅޭގޮތުން ޝްރައްދާ ބުނީ އޭނާ ޑަބަލް ރޯލަކުން ފެންނަ މިއީ ފުރަތަމަ ފަހަރުކަމުން ފިލްމުގައި ކުރަންޖެހޭ މަސައްކަތް ދެގުނައަށް ބޮޑުވާނެ ކަމަށެވެ. އަދި މިފިލްމުގައި ދެރޯލު އަދާކުރަން ބޫޝަކް ކުމާރް އަދި އަހުމަދު ހާން އޭނާއަށް އިތުބާރު ކުރީތީ އެކަމާ އުފާ ކުރާކަމަށް ޝްރައްދާ ބުންޏެވެ.

ޑައިރެކްޓަރު ޕަންކަޖު މިފިލްމާއި ގުޅޭގޮތުން ބުނީ "ޗާލްބާޒް އިން ލަންޑަން" ގައި ބަތަލާއަކު ޑަބަލް ރޯލު ކުޅޭއިރު އެފަދަ ރޯލަކަށް ޝްރައްދާއަށްވުރެއް ގާބިލް އެހެން ބަތަލާއަކު ނުލިބޭނެ ކަމަށެވެ. އަދި ޝްރައްދާއަކީ އޭނާގެ އެކްޓިންއިން ސްކްރީނުން ޖާދޫ ދައްކާ މީހެއްކަމަށް އޭނާ ބުންޏެވެ.

ފިލްމު ޕްރޮޑިއުސްކުރާ ޓީސީރީޒްގެ ވެރިޔާ ބޫޝަން ބުނީ ފިލްމުގެ ޝޫޓިން ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އޭނާއަށް މީގެ ސްޓޯރީލައިން ވަރަށް ކަމުދިޔަ ކަމަށެވެ. އަދި މިއީ ޒަމާނީ އޯޑިއަންސްއަށް ވަރަށް ކަމުދާނެ ފިލްމެއްކަމަށް އޭނާ ބުންޏެވެ.

ޕޭޕާޑޯލް އެންޓަޓެއިންމެންޓުގެ ވެރިޔާ އަހުމަދު ބުނީ "ޗާލްބާޒް އިން ލަންޑަން" އަކީ އޭނާއަށް ހުވަފެނީ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ޝްރައްދާއަށް މި ރޯލު ހުށަހެޅުމާއި ގުޅޭގޮތުން އަހުމަދު ބުނީ ޝްރައްދާއަކީ ކޮމެޑީ ކެރެކްޓާތައް ކުޅުމަށް އެންމެ ރަނގަޅު އެއް ބަތަލާއަށްވެފައި އޭނާއަށް ޑަބަލް ރޯލެއް ކުޅުމުގައި ދެ ކެރެކްޓާވެސް ބެލެންސްކޮށް ދެއްކޭނެތީ ކަމަށެވެ.

އަހުމަދު މީގެ ކުރިންވެސް ވަނީ ޝްރައްދާ އާއިއެކު މަސައްކަތް ކޮށްފަ އެވެ. އެގޮތުން އޭނާ މީގެ ކުރިން އުފެއްދި "ބާގީ 3" ގައިވެސް ލީޑްރޯލުން ފެނުނީ ޝްރައްދާ އެވެ.