އާންމު ތަނެއްގައި މުސްލިމުން ކާފަރެއްގެ ގޮތުގައި ސިފަކޮށް ލާދީނީ ގޮވުމާއި އެފަދައިން ދޭހަވާގޮތަށް ނަފުރަތު އުފެއްދުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ގާނޫނުލް އުގޫބާތު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅި ބިލަކީ "ކުޑަ" ބިލެއް ކަމަށާއި އެހެންކަމުން އެބިލާ ގުޅިގެން ފުޅާ ދާއިރާއެއްގައި ހިޔާލު ހޯދުމުގެ ވިސްނުން ނެތްކަމަށް ބިލު ދިރާސާ ކުރާ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
ޖުޑިޝަރީ ކޮމިޓީން ރޭ ނިންމީ ނަފުރަތުގެ ބިލަކީ އަވަހަށް ނިންމަންޖެހޭ ބިލެއް ކަަމަށާއި އެހެންކަމުން އަވަސް އެޖެންޑާއަށް ލައިގެން މަސައްކަތް ކުރާ އުސޫލުން މަސައްކަތް ކުރިއަށް ގެންދަންޖެހޭ ބިލެއް ކަމަށެވެ. އެހެންކަމުން އިންތި ހުށަހެޅުއްވީ އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން ގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ ހިޔާލު އެކަނި ހޯދާށެވެ.
އަޅުގަނޑު ސަޖެސްޓް ކުރަނީ ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިޔަން ރަނގަޅުވާނެ ކަމަށް މި ބިލަށް ކޮމެންޓް ހޯދަން އަދި ހަމަ އެއާ އެކުގައި އިސްލާމިކް މިނިސްޓްރީ އަށް ވެސް ބިލުގެ ބާވަތުން. އަދި ހަމަ އެއާ އެކުގައި މިއީ ހިޔާލުފާޅުކުރުމާ މި ބާވަތުގެ ހައްގުތަކާ ބެހޭ ވެސް ބިލަކަށް ވާތީވެ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ބިލަށް ކޮމެންޓް ހޯދުމަށް ލިޔަން
- އިމްތިޔާޒު ފަހުމީ
އިންތި ވިދާޅުވީ މިއީ "ކުޑަ ބިލެއް ކަމަަށެވެ. އެހެންކަމުން ތިން މުއައްސަސާއަށް ހިޔާލު ހޯދަން ކުރު މުއްދަތެއް ދޭން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިގެ ހުށަހެޅުންތަކަށް ކޮމިޓީ އެއްވެސް މެމްބަރެއްގެ އިއުތިރާޒެއް ނެތުމުން ނިންމީ އަންނަ ހޯމަ ދުވަހުގެ ކުރިން އެމުއައްސަސާތަކުން ޖަވާބު ފޮނުއްވުމަށެވެ. ކޮމިޓީން ބިލު ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހަށް ނަފުރަތުގެ ބިލު ބަލައިގަތުމުގެ ކުރިން ކުރިއަށް ގެންދިޔަ ބަހުސް މަރުހަލާގައި މެމްބަރުންގެ ގިނަ ކަންބޮޑުވުންތަކެއް އެ ބިލާއި ގުޅޭގޮތުން ހުއްޓެވެ. އެގޮތުން ދީނީ ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ހަނިކުރެވިގެން ދިޔުމުގެ ސަބަބުން ދީނަށް ފުރައްސާރަ ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދާކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.
އިއްޔެގެ މަޖިލިސް ޖަލްސާގައި ބިލު ބަލައިގަންނަން ވޯޓު ދެއްވީ 38 މެމްބަރުންނެވެ. 17 މެމްބަރުން ވޯޓު ދެއްވީ ބިލު ބަލައިގަންނަން ނުފެންނަ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 4 މެމްބަރަކުވެސް ހިމެނެ އެވެ.
ނަފުރަތު ބިލާއި ދެކޮޅަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީންވެސް ވަނީ ދެކޮޅު ހަދައިފަ އެވެ. މީގެ އިތުރުން ގިނަ ދީނީ އިލްމުވެރިންވެސް ވަނީ އެބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ގިނަ ކައުންސިލްތަކުންވެސް ދަނީ އެ އިސްލާހަށް ތާއީދު ނުކުރާ ކަމަށް ބުނެ ބަޔާން ނެރެމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތައް ހިމެނެ އެވެ.
ރައްޔިތުންގެ މިހާބޮޑު ކަންބޮޑުވުމެއް އޮން ބިލަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި ހިޔާލު ހޯދުމުގެ ވިސްނުމެއް ނެތްކަމަށް އިންތި ވިދާޅުވިއިރު މީގެ ކުރިން މަޖިލީހަށް ހުށަހެޅޭ ބައެއް އިސްލާހުތަކާއި ގުޅިގެން މަޖިލީހުގައި އާންމު ފޯރަމްތައްވެސް ވަނީ ބާއްވައިފަ އެވެ.