އިޒްރޭލާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވަމުން ދާކަމަށް "އިޒްރާއީލުހަޔޮމް" ނޫހުން ރިޕޯޓުކޮށްފި އެވެ.
އެ ނޫހުން ބުނި ގޮތުގައި އިޒްރާއީލުގެ ޓްރެވެލް ކުންފުނި ކެމިނޯސް އިން ވަނީ އެކަން ރަސްމީކޮށް އިއުލާންވެސް ކޮށްފަ އެވެ. އެކުންފުނިން ބުނި ގޮތުގައި އެއާ ސީޝެލްސްގެ އެއާ ކްރާފްޓެއްގައި އިޒްރާއީލުން ރާއްޖެއަށް ވަރަށް އަވަހަށް ސީދާ ދަތުރުތައް ފަށާނެ އެވެ.
އިޒްރާއީލު ފަތުރުވެރިން މިހާރު ރާއްޖެ އަންނަނީ ސީޝެލްސް ނުވަތަ ދުބާއީ މެދުވެރިކޮށް ކަމަށްވެސް އެ ނޫހުގައި ބުންޏެވެ. އެހެންނަމަވެސް އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ރާއްޖެއާއި އިޒްރާއީލާއި ދެމެދު ހަފްތާއަކު ފަސް ދަތުރު ބާއްވަން ކެމިނޯސްއިން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
އަދި ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ 995 ޑޮލަރަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.
އިތުރަށް "ހަޔޮމް" ގައި ބުނީ އިޒްރާއީލުން ރާއްޖެއަށް ސީދާ ދަތުރު ކުރި ނަމަވެސް ރާއްޖެއިން އިޒްރާއީލަށް އަންނައިރު ސީޝެލްސްގައި އެއް ގަޑިއިރު މަޑުކުރާނެ ކަމަށެވެ. އެހެންނަމަވެސް އެ ވަގުތުގައި ފްލައިޓުން ފޭބުމުގެ ފުރުސަތު ނުލިބޭނެ އެވެ.
ޓްރެވަލް ކުންފުނި ކެމިނޯސްއިން އިޒްރާއީލުގެ ފަތުރުވެރިންނަށް ވަނީ އެކި ޕެކޭޖް އޮފާތަކެއްވެސް ހުށަހަޅައިފަ އެވެ. އެގޮތުން ރާއްޖޭގެ ފައިވް ސްޓާ ރިޒޯޓުތަކުގައި އެއް ހަފްތާގެ ޗުއްޓީ ހޭދަކުރުމަށް 1،750 ޑޮލަރާއި 2،750 ޑޮލަރާއި ދެމެދުގެ ޕެކޭޖުތަކެއް ވަނީ އެކުލަވާލައިފަ އެވެ.
އިޒްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާއިރު ހޭދަވާނީ 8 ގަޑިއިރާ ބައިގެ ވަގުތެކެވެ. އަދި އަނބުރާ އިޒްރޭލަށް ދާއިރު 10 ގަޑިއިރު ހޭދަވާނެ އެވެ.
އިޒްރާއީލުގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މުސްލިމް ގިނަ ގައުމުތަކުން ވަނީ އިޒްރާއީލާއި ގުޅުން ކަނޑައިލަން ނިންމައިފަ އެވެ. ދިވެހި ސަރުކާރުން އިޒްރާއީލާއި ގުޅުން ކަނޑައިލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެގޮތުން އިޒްރާއީލަށް ސީދާ ދަތުރުތައް ކުރުމާއި އެއްވެސް ބާވަތެއްގެ އިޒްރާއީލު އުފެއްދުމެއް ރާއްޖެއަށް އެތެރެ ކުރުންވެސް އޭރު މަނާކުރި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެނިންމުން ދަމަހައްޓާނެކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް އިޒްރާއީލުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުން ދާކަމަށް އެގައުމުގެ މީޑިއާއިން މިވަނީ ރިޕޯޓުކޮށްފަ އެވެ. މިކަމާއި ގުޅިގެން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. މިދިޔަ މަހުގެ ތެރޭގައި އިޒްރާއީލުގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސިކަމަށް މެލޭޝިޔާއިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެއީ ސީޝެލްސް މަގުން އިޒްރާއީލަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއް ކަމަށާއި ވީއައިއޭއަށް އެ ފްލައިޓު ޖެއްސީ ތެޔޮ އެޅުންފަދަ އެމަޖެންސީއެއްގައިކަމަށް ބެލެވޭކަމަށް މެލޭޝިޔާ ސަރުކާރުން ވަނީ ބުނެފަ އެވެ.